'ދިވެހިރާއްޖެ 2.0'ގެ ނަމުގައި ސަރުކާރުން ކުރަމުންދާ ޑިޖަޓަލައިޒް މަޝްރޫއުއާ ކޮރަޕްޝަނާ ގުޅުމެއްނެތް ކަމަށާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވޭނީ އެފަދަ މައްސަލަތަކުގައި ވެރިމީހާއާ ހަމައިން ފިޔަވަޅު އަޅައިގެން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ހިދުމަތް ދިނުމަށް 'ދިވެހިރާއްޖެ 2.0'ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ސަރުކާރުން ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ.
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އީވޯޓިންގެ ނިޒާމެއް ތައާރަފުކޮށް، އިންތިހާބު އޮޅުވާލުމަށް ކުރަމުން އަންނަ ކަމެއްކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. އެކަމަކު ސަރުކާރުން ބުނަނީ އެކަމަކީ ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން ވޯޓްލުން ނޫން ހުރިހާ ކަމެއް ޓިޖިޓަލް ކުރާނޭ ކަމަަށެވެ.
2.0 ގެ މަޝްރޫއަކީ ކޮރަޕްޝަން ހުއްޓުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކަމެއްކަމަށް ސަރުކާރުން ބުނާތީ އެކަމަށް ފާޑުވިދާޅުވެ ޔާމީން ވާހަކަދެއްކެވީ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގަ އެވެ.
ބުނީ ކީކޭ؟ - ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި އެކަންކުރާއިރު މި ސަރުކާރުގެ އިސް ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ނުބެލިގެން އުޅެނީ ޑިޖިޓަލައިޒް ނުވާތީތޯ ޔާމީން ރޭ ސުވާލު އުފެއްދެވި އެވެ.
ޔާމީން ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުން އިންސާނުން ކުރާ ވައްކަންތައް ހުއްޓުވޭނެކަމަށް ބުނުމަކީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށާއި އޭރަށް ކުރާނީ "ޖިޓަލައިޒް ވައްކަން" ކަމަށެވެ.
"މުއިއްޒު މި ވިދާޅުވަނީ މިއީ ކޮރަޕްޝަން ނައްތާލަން ކުރާކަމެކޭ. ކޮރަޕްޝަނާ މިއާ ގުޅެނީ ކިހިނެއްތޯ؟ ޑިޖިޓަލައިޒް ކުރިޔަސް ކޯޗެއްތޯ ކޮރަޕްޝަން ނައްތާލާނީ،" ކޮރަޕްޝަން ހުއްޓުވޭނީ ކިރިޔާވެސް ކޮރަޕްޝަނުގެ އަމަލެއް ފެންމަތިވެއްޖެނަމަ ވެރިމީހާއާ ހަމަައިން ފިޔަވަަޅު އަަޅަން ފަށައިގެން ކަަން ފާހަގަކުރައްވާ ޔާމީން ވިދާޅުވި އެވެ.
"ޑިޖިޓަލައިޒް ކުރިޔަސް ކަންކަން ނިންމަން ތިބެނީ މީހުން ދެއްތޯ؟ މީހުންގެ ސިކުނޑިއެއް ނޫނޭ ޑިޖިޓަލައިޒް މިކުރަނީ. ޑިޖިޓަލައިޒް ކުރުން ގެރެންޓީއެެއް ނުކޮށްދެއޭ ކޮރަޕްޝަން ދާނެ ކަމަކަށް."
ޑިޖިޓަލައިޒްކުރުމަށް މި ސަރުކާރުން ހިންގާ މަޝްރޫއަކީ އާ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެއީ މީގެ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައިވާ، އަދި ތަރައްގީކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މިހާރު ވެސް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ގާތްގަނޑަކަށް %90 އަކީ ޑިޖަޓަލައިޒްވެފައިވާ ކަންކަން ކަމަށް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ކުރައްވަން އުޅޭ ކަމަކީ އޭގެ މޭސްތިރިކަމުގެ ލަގަބު ނެންގެވުން ކަމަށް ކަމަށެވެ.
"ކުރައްވަން މިއުޅުއްވާ ކަމަކީ ޑިޖިޓަލައިޒޭޝަން މަޝްރޫއުގެ މޭސްތިރިއަކީ ނޫނީ އޭގެ މުޅި އޯނާޝިޕް މިއުޅެނީ ނަންގަވަން. އެ ނޫން އެއްވެސް ކަމެއްނޫން. ޑިޖިޓަލައިޒް ކުރަންޖެހޭ ކަމެއް މިތާ އޮތީކީނޫން. އެހެންވީމާ އެއުޅެނީ އެތަށް ބަޔަކު އެތަށް ޒަމާނެއްވަންދެން ކޮށްފައިއޮތް މަސައްކަތެއްގެ ފުލީ ކްރެޑިޓް ނަގަންވެގެން،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިއްމު - ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާއެކުގަ އެވެ. ރައީސް މުއިއްޒު ވަނީ މި އަހަރުގެ ކުރީކޮޅު އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގެ ހިދުމަތްތައް ބައްލަވައި ތަޖުރިބާ ކުރައްވާފަ އެވެ.
މި މަސައްކަތަށް އިދިކޮޅުން ކިޔާ ފާޑުކިއުންތަކަށް ރައްދުދެއްވާ ރައީސް މުއިއްޒު މިފަހުން ވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅެވެ.
ދިވެހިރާއްޖެ 2.0ގެ ބޭނުމަކީ ޑިޖިޓަލް ކޮރަޕްޝަން ހިންގުން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ