މައިންނަށް ހައްގު ޝުކުރު އަދާކޮށް، އިހުމާލުނުވުމަށް ސިޔާމް އިލްތިމާސްކުރައްވައިފި
މައިންނަށް ހައްގު ޝުކުރު އަދާކޮށް، އެ މީހުންނާ ދޭތެރޭގައި އިހުމާލުނުވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، ދިވެހީންނަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ. ސިޔާމް މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. ދުނިޔޭގެ މަންމައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި އެމްޑީއޭގެ ނަމުގައި، ދިވެހި ރައްޔިތުންނަށް ވަނީ ފޮނުއްވައިފައެވެ. ސިޔާމްވަނީ މަންމައިންގެ އެންމެހައި ހައްގުތައް ކުޑަ ވެސް އިހުމާލެއް ނެތި އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް މުޖުތަމައަށް ހަނދާންކޮށްދެއްވައިފައެވެ. ކޮންމެ މުޖުތަމައެއްގައި ވެސް މައިންނަކީ ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ ބައެއް ކަމާއި، އެ ބަޔަކަށް ޓަކައި ފަޚުރުވެރިވުން ހައްގު، އަދި އެ ބައެއްގެ މައްޗަށް އިހުމާލުނުވެވޭނެ ބޮޑު ޒިންމާތަކެއް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ މަތިވެރި ބައެއްކަން އެ ޚިތާބުގައި ހަނދާންކޮށްދެއްވިއެވެ. އެ ގޮތުން މާތްﷲއަށް އީމާންވެ، ކިޔަމަންތެރިކަން އަދާކުރުމަށްފަހު، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް އަންގަވާފައިވުމަކީ ވެސް މައިންނަށް ދޭންޖެހޭ އިޙުތިރާމާއި ގަދަރު ހާމަކޮށްދޭ ކަމެއްކަން ސިޔާމް ވަނީ ފާހަގަ ކުރައްވައިފައެވެ. އެ ފަދަ މުހިންމު ފަރާތެއްގެ މައްޗަށް އަދާކުރަންޖެހޭ ހައްގުޝުކުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، މި ކަމުގައި ކުޑަމިންވަރަކަށް ވެސް އިހުމާލު ނުވުމަށް ސިޔާމް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. "އަޅުގަނޑުމެންނަށް މަންމަގެ މައްޗަށް އިހުމާލު ނުވެވޭނެކަމީ ކުޑަ ވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނީ ނިމުމެއް ފަނާވުމެއްނެތް ދުވަހު އަޅުގަނޑުމެންނަށް ސުވަރުގެއަށް ވެސް ވަދެވެން އޮތީ މަންމައިންގެ މައްޗަށް އަޅުގަނޑުމެން އިހުމާލުނުވެ، އެ މީހުންނަށް ލޯތްބާއި ކުލުނުވެރިކަމާއެކު ޚިދުމަތްކޮށްގެންނެވެ. އެއީ ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައިކަން ގަބޫލުކުރަން ޖެހޭނެއެވެ." ސިޔާމް ފޮނުއްވި ޚިތާބުގައިވެއެވެ. މި ޚިތާބު ނިންމަވާލައްވާފައިވަނީ، މުޖުތަމައަކީ މައިންގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ، އެ މީހުންނަށް އަޅައިލާ އޯގާތެރި މުޖުތަމައެއް ކަމުގައި ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ