އެމެރިކާގެ ރިޔާސީ މަތިންދާބޯޓު، އެއާފޯސް ވަންގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަތީ ފެންވަރުގެ މަތިންދާބޯޓެއް ގަތަރުގެ ޝާހީ އާއިލާ އިން ވައިޓް ހައުސްއަށް ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ގަތަރުން ނެރުނު ބަޔާނެއްގައި ވަނީ އެ މަތިންދާބޯޓަކީ ހަދިޔާއަކަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް ވަގުތީ ބޭނުންތަކަށް މަތިންދާބޯޓެއް ބަދަލުކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގައި ބީބީސީގެ ނިއުސް ޕާޓްނަރު ކަމަށްވާ ސީބީއެސް ނިއުސް އިން ބުނި ގޮތުގައި، ޓްރަމްޕްގެ ދައުރު ހަމަވުމުން އެ މަތިންދާބޯޓު ޓްރަމްޕްގެ ރިޔާސީ ލައިބްރަރީއަށް ހަދިޔާ ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ހަބަރު އައިސްފައި މިވަނީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ބައިނަލްއަގްވާމީ ދަތުރު މި ހަފުތާގައި ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެެއްގަ އެވެ.
ގަތަރުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މީޑިއާ އެޓާޗީ އަލީ އަލް އަންސާރީ ވިދާޅުވީ ގަތަރުގެ ޑިފެންސް މިނިސްޓްރީ އާއި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަތިންދާބޯޓު ވަގުތުން ބޭނުން ކުރަން އެޅޭ ހުރަހަކީ އެ މަތިންދާބޯޓުގެ ސެކިއުރިޓީ އޮފިޝަލުން އެޕްރޫވް ކުރަން ޖެހޭތީ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް އިއްޔެ ވިދާޅުވީ "ބޭރުގެ ސަރުކާރަކުންދޭ ކޮންމެ ހަދިޔާއެއް އަބަދުވެސް ބަލައިގަންނަނީ ކަމާ ބެހޭ އެންމެހާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ ސަރުކާރުން އެކަން ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގަތަރާ އެކު ކުރެވުނު މަޝްވަރާތައް ހާމަނުކޮށް، ޓްރަމްޕް ވަނީ އެ މަތިންދާބޯޓަކީ ހަދިޔާއެއްގެ ގޮތުގައި ސިފަކުރައްވައި އޭނާގެ ޓުރޫތު ސޯޝަލް ވެބްސައިޓުގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވެފަ އެވެ.
އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ވައިޓް ހައުސްގެ މިހާރުގެ ފްލީޓްގައި ހިމެނެނީ ބޮއިން 747-200ބީގެ ދެ މަތިންދާބޯޓެވެ. އެ މަތިންދާބޯޓުތަކަކީ ހާއްސަ މުވާސަލާތީ ޓެކްނޮލޮޖީއެއް ހިމެނޭ މަތިންދާބޯޓުތަކަކަށް ވާއިރު، އަރާމު ކުރާ ކޮޓަރި އާއި އޮފީސް އަދި ކޮންފަރެންސް ރޫމް ފަދަ ވަސީލަތްތައް ވެސް އެ މަތިންދާބޯޓުތަކުގައި ހުރެ އެވެ. މި މަތިންދާބޯޓުތަކަކީ 1990 އަދި 1991 ވަނަ އަހަރުން ފެށިގެން ދަތުރުކުރަމުން އަންނަ މަތިންދާބޯޓުތަކެކެވެ.
ވައިޓް ހައުސްއަށް އާ މަތިންދާބޯޓުތައް ސަޕްލައި ކުރުމަށް އެމެރިކާގެ ބޮއިން ހަމަޖެއްސި ނަމަވެސް ޓްރަމްޕް ވަނީ އެ ކުންފުނި ލަސްވެފައިވާ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ޓްރަމްޕް ސަރުކާރުގެ ފުރަތަމަ ދައުރުގައި ބޮއިންއާ އެކު 747-8 މަރުކާގެ ހާއްސަ ދެ މަތިންދާބޯޓު ހޯދުމަށް މަޝްވަރާ ކުރެއްވި އެވެ.
މަތިންދާބޯޓު އުފައްދާ ކުންފުނިން ބުނީ 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ކުރިން އެ މަތިންދާބޯޓުތައް ތައްޔާރު ނުވާނެ ކަމަށެވެ.
ގަތަރުން ޓްރަމްޕަށް މަތީ ފެންވަރުގެ މަތިންދާބޯޓެއް ހަދިޔާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ