އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި، ގައުމީ ޓީމަށް އިރުޝާދުދޭން ކުރިން ވެސް އެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭންއާ ހަވާލުކުރަން ނިންމައިފި އެވެ.
ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ގައުމީ ޓީމަށް ކޯޗެއް ހޯދަން އިއުލާނުކުރީ، އަންނަ މަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނެވެ.
އެކަމަކު، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްވުމާ އެކު، އެފްއޭއެމް އިން ކުރު ކޮންޓްރެކްޓަކަށް އާ ކޯޗެއް ހޯދުމުގެ ވިސްނުން ދޫކޮށްލައި، ކުރިއަށް އޮތް ދެ މެޗަށް ގައުމީ ކޯޗުގެ ގޮތުގައި ސުޒޭން ބަހައްޓަން ވަނީ ނިންމައިފަ އެެވެ.
އާ ކޯޗެއް ހޯދަން، އެފްއޭއެމް އިން އިއުލާނުކުރުމުން، އެ މަގާމަށް ސުޒޭންގެ އިތުރުން، ކުރިން އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އާއި އަންހެން ގައުމީ ޓީމުގެ ކޯޗަކަށް މި ފަހުން ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެޕްލިކޭޝަން ހުށަހަޅައިފަ އެވެ. މާޒިޔާގެ ކޯޗަކަށް ހުރި، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް އާއި އޮޑި ސްޕޯޓްސް ކްލަބް ދޫކޮށްދާން ޖެހުނު، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން ވެސް ގައުމީ ޓީމުގެ މަގާމާ މެދު ޝައުގުވެރިވި އެވެ. އެކަމަކު، ރަސްމީކޮށް ހުށަހެޅިކަން އެނގިފައިނުވެ އެެެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު، ސުޒޭން ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތްކުރި، ބިދޭސީ ދެ ކޯޗުން ކަމަށްވާ، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓަންޓް އަކަށް މަސައްކަތްކޮށްފަ އެވެ. ކޫޕްމަން ވަކިކުރުމުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލައިފަ އެވެ. އޭގެ ފަހުން، މޮރިއޭރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅުގަ އެވެ. އެ އަށް ފަހު، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް އަކަށެވެ. މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، 2023 ވަނަ އަަހަރުގެ އޮގަސްޓް މަހުން ފެށިގެން ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަނީ ސުޒޭން އެވެ.
މިދިޔަ އަހަރު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ވެސް ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސުޒޭން އެވެ. އަދި، މާޗް މަހު އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު އެކުވެރިކަަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ކުޅުނު މެޗުގައި ވެސް ޓީމަށް އިރުޝާދުދިނީ ސުޒޭން އެވެ. އިންޑިއާ އަތުން 3-0 އިން ބަލިވިއިރު، ފިލިޕީންސް އަތުން ބަލިވީ 4-1 އިންނެވެ.
ސުޒޭނާ އެކު، ކޯޗިން ޓީމުގައި އެންމެ ފަހުން ތިބީ، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)، 19 އަހަރުން ދަށުގެ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒޭރު (ކޮއްކޮ) އަދި 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި މުހައްމަދު އާދަމް އެވެ. ގޯލްކީޕަރު ކޯޗަކަށް ހަސަން ހަމީދު (ޑަކޭ) ހުރިއިރު، ފިޓްނަސް ކޯޗެއްގެ ގޮތުގައި މުއީނާ މުހައްމަދު މަސައްކަތްކުރި އެވެ.
ގައުމީ ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ މަހު ފަސް ވަނަ ދުވަހު އޮތްއިރު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.
ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ ކޯޗަކަށް ސުޒޭން ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ ކޯޗަކަށް ސުޒޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ