ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޖަލްސާއެއްގައި ސަންގު ޓީވީ ގެ ޒުވާން ނޫސްވެރިޔާ ފާތިމަތު މަދަދާ އަށް ފުރައްސާރަ ކޮށްފި އެވެ.
ޔާމީނު ދިރިއުޅުއްވާ ގޭގައި ހުންނަ ޕީއެންއެފް އޮފީހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި މަދަދާ އާ ގުޅުވާ ފުރަތަމަ ވާހަކަ ދެއްކީ ޕީއެންއެފްގެ އެކްޓިވިސްޓު ވަހީދެވެ.
"ސަންގު ޓީވީގެ އަންހެނުން ނޫސްވެރިޔެއް މަދާދާ ފިޔަވާ އެހެން މީހުންނަށް ފިއްލަވައިގެން މީނަ އުޅުއްވާފަ ކުއްލިއަކަށް އިނގޭތޯ،" ރައީސް މުހައްމަދު މުއިއްޒު މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅުވާ ވަހީދު ބުންޏެވެ.
އެ ހިސާބުން ޔާމީން ވަނީ މިކަހަލަ ހުރިހާ ޖަލްސާއަކަށް މަދަދާ ގެންދޭތޯ ސުވާލުކުރައްވާފަ އެވެ. ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަދަދާ ގެންދޭތޯ ވެސް ޔާމީނު ސުވާލުކުރެއްވި އެވެ.
"މުއިއްޒު ގަބޫލުކުރާ ގޮތުގައި ނޫސްވެރިކަމުގެ ހުރިހާ ކަމެއް ކަވަރުވީ މަދަދާ އާ ދިމާވީމަ. ދާ ހުރިހާ ތަނަކަށް ދަނީ،" އެ ސުވާލަށް ޖަވާބު ދެމުން ވަހީދު ބުނެ އެވެ.
މިއާއެކު ކުރީގެ ރައީސް މުހައްމަދު ޖަމީލު ވަނީ މަދަދާގެ ހެދުން އެޅުމާ ގުޅުވާ އެއީ ދީނީ އިލްމުވެރިން ހުއްދަ ކޮށްގެން ކުރާ ކަމެއްތޯ ވެސް ވިދާޅުވެފަ އެވެ. "އެއީ ހާއްސަ ކުއްޖެއްތޯ؟" ޔާމީނު މިހެން ވިދާޅުވުމާއެކު ޖަލްސާގެ ބައިވެރިން އަޑުގަދަކޮށް ހޭ އަޑު އިވެ އެވެ.
މި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން އާންމުންނާއި ނޫސްވެރިން ދަނީ ޕީއެންއެފްގެ އިސްވެރިން ދެއްކި ވާހަކަތައް ކުށްވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންނެވެ.
މިފަދަ ފުރައްސާރައިގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމާ ގުޅިގެން އިދާރާތަކާއި މުއައްސަސާތަކުން ފިޔަވަޅު އެޅުމަށް ވެސް ނޫސްވެރިންނާއި އާންމުން ދަނީ ގޮވާލަމުންނެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ޒުވާން ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށްފި ޕީއެންއެފްގެ ޖަލްސާއެއްގައި ޒުވާން ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ