ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް
ދައުލަތުގެ މަގު ހެދުމުގެ މައި ކުންފުނި ކަމަށްވާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގައި އަމިއްލައަށް ތާރު އެޅުމުގެ މަސައްކަތް ކުރުމުގެ ގާބިލުކަން މި ވަގުތު ނެތް ކަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.މުއްތަލިބް ވިދާޅުވީ، އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ.ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، އެ ކުންފުނިން އެއްވެސް މަސައްކަތަކެއް ކޮށްފައި ނުވާތީ، އެ މަސައްކަތް ފަހުން ކޮށްފައިވަނީ އާރުޑީސީން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ، ތިމަރަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ތާރު އެޅުމާ ހަމައަށް ގޮސްފައިވިޔަސް، އެކަން ހުއްޓިފައިވަނީ ތާރު އެޅުމުގެ ގާބިލުކަން މި ވަގުތު އާރުޑީސީގައި ނެތުމުން ކަމަށެވެ. "އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުންޏާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މި ފަހުން ވެސް މަގު ހެދުމާއި ބައެއް ރަށްރަށުގެ ހޮސްޕިޓަލާއި އިތުރު ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް އާރްޑީސީއާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ އައްޑޫ ލިންކު ރޯޑުގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ