ޝަރުއީ ނިޒާމު ސަރުކާރުން ހައިޖެކް ކުރަމުންދާ ދިޔުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޑީޕީން ކޮމަންވެލްތާ ހިއްސާކޮށްފި ޝަރުއީ ނިޒާމު ސަރުކާރުން ހައިޖެކް ކުރަމުންދާ ދިޔުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޑީޕީން ކޮމަންވެލްތާ ހިއްސާކޮށްފި

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހައިޖެކް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ އިދިކޮޅު އެމްޑީޕީން ހިއްސާކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން އެ ބައްދަލުވުނުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ކުރީގެ މަޖިލިސް މެންބަރު، ހުސެއިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ޑިމޮކްރެސީގައި ދިވެހިރާއްޖެ ފަހަތަށް ސޮއްސައިލަމުންދާ ދިޔުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމަންވެލްތާ ހިއްސާ ކުރި ކަމަށެވެ.
އެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުން ކަސްދޮޅެއްގައި ތިބެ، އެ މެންބަރުންގެ ފުރިހަަމަ ބައިވެރިވުމާއެކު ޝަރުއީ ނިޒާމު ހިސާރު ކުރުމުގެ މަސައްކަތް ރޯމާ ދުވާލު ސަރުކާރުން ކުރަމުންދާކަމުގެ ކަންބޮޑުވުން ވެސް އެ ބައްދަލުވުމުގައި ކޮމަންވެލްތާ ހިއްސާ ކުރި ކަމަށް އެމްޑީޕީން ބުންޏެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކޮށް އެމްޑީޕީން ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީއެންސީން ދަނީ ކުރަމުންނެވެ.
ސަސްޕެންޑު ކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޖުޑީޝަރީއަށް ސީދާ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ވަކި ކުރަން ނިންމާފައިވާ، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ބެލީ ވެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ކޮމިޓީއަކުންނެވެ. ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވުމަށް އެ ފަނޑިޔާރުން ހުށަހެޅުއްވި ހެކިތައް ވެސް ބަލައިނުގަނެ، ތުހުމަތުތަކުން ދިފާއުވުމުގެ ފުރުސަތު ވެސް އެކަށީގެންވާ ގޮތަކަށް ނުދެއްވައި އެ ކޮމިޓީން ފާސްކުރީ އަޒްމިރަލްދާ އާއި މަހާޒް މަގާމުން ވަކި ކުރަން ފެންނަ ކަމަށެވެ.
ކޮމިޓީގެ ނިންމުމަށް ތާއީދުކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ވަނީ އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުން ނިންމައި އެ މައްސަލަ މަޖިލީހަށް ފޮނުވައިފަ އެވެ.
އެ މައްސަލަ މަޖިލީހުން ވެސް ދިރާސާ ކުރީ ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ނުދީ، ސިއްރުކޮށްގެންނެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ.
ފަނޑިޔާރުން ވަކި ކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. ބޮޑަށް ބެލެވޭ ގޮތުގައި ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މާދަމާއަށް ތާވަލު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ