ފުލުހުންގެ އިދާރާގެ އަގު ވެއްޓުނީ ރާއްޖެއަށް ޑިމޮކްރަސީ އައި ފަހުން ކަމަށާއި މިއީ ފުލުހުންގެ އިދާރާގެ ތެރޭގައި ވެސް ހުރި މައްސަލަތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދިނުމަށް ގެނެސްދޭ 'އަހާ ފޯރަމް'ގެ ފަސް ވަނަ ޕްރޮގްރާމުގައި މިރޭ ރަައްޔިތަކު އިހުސާންއާ ސުވާލު ކުރީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އައި ޑިމޮކްރަސީގެ އަގަކީ އިދާރާތަކުގެ އަގު ވެއްޓުން ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ފުލުހުންނާ ދިމާކުރާ ކަމަށާއި އެ މީހުން ވެރިކަމަށް އަންނަ ދުވަހު ފުލުހުންގެ އެއްވެސް މައްސަލައެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ބޭނުމަށްޓަކާ ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ފުލުހުންނާ މި ދިމާކުރަނީ. އެކަމަކު ހަމަ އެ ފަރާތްތައް ވެރިކަމަކާ ހިސާބަށް އަންނަ ދުވަހު ފުލުހުން ހަމަ ބަރާބަރު. ދެން އެ މީހުންގެ ރަނގަޅު ކުރަން ޖެހޭ އެއްވެސް ކަމެއް ވެސް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހެން ހަދަމުން ހަދަމުން ގޮސް ފުލުހުންގެ އިދާރާގެ އަަގު ވެއްޓުމުގެ ދެބައިކުޅަ އެއްބައި މި އޮތީ ގޮސްފައި. އަނެއް ބަޔަކީ ފުލުހުންގެ އިދާރާ ތެރޭގައި ޕްރޮފެޝަނަލްކޮށް އަޅުގަނޑުމެން ދޭންޖެހޭ ބައެއް ހިދުމަތްތައް ނުދެވޭތީ ވެސް ދިމާވާ ބައެއް ކަންތައް."
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު ފުލުހުންގެ ތެރޭ ތަމްރީނު ނުހަދާ 1،000 ފުލުހުން ތިބި ކަމަށާއި މިހާރު އެ އަދަދު 300އަށް ދަށްކުރެވިފައިވާ ކަމަށެވެ.
"ތަމްރީނު ވެގެން ތިބި ޕްރޮފެޝަނަލް ފުލުހުން ދިވެހި ރައްޔިތުންނަށް ހިދުމަތް ދޭން ނެރުން އެއީ އަޅުގަނޑުމެންގެ އަމާޒު. އެ ކަމަށް އެބަ ވާސިލްވޭ މިހާރު،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުން ދޭ ހިދުމަތްތައް އަވަސްކޮށް، ތަހުގީގުތައް އަވަސް ކުރުމަށް ވެސް މަސައްކަތްކުރައްވާ ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއަށް މީހަކު މައްސަލައެއް ރިޕޯޓުކޮށްފި ނަމަ، އެ މީހާ އެ ގަބޫލު ކުރާ ސްޕީޑުގައި އޭގެ ނަތީޖާ ނެރެދިނުން. ތިންވަނަ ކަމަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ކޮލެޓީ ރަނގަޅު ކުރުން. ތަހުގީގު ކުރުމުގައި ގެންގުޅޭ ޓެކްނިކަލް އުކުޅުތަކާއި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން އެދޭ ފަދަ ޖަވާބުދާރީވެވޭނެ ޕްރޮފެޝަނަލް މަސައްކަތް ކުރާ މުއައްސަސާއަކަށް ފުލުހުންގެ މުވައްސަސާ ބައްޓަން ކުރުން،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަން ލިބޭކަން ރައްޔިތުންނަށް ކަށަވަރުވާ ވަރަށް އެ ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށެވެ.
"މިކަމަށްޓަކާ ފުލުހުން އެބަ އިތުރު ކުރަން މަގުމައްޗަށް. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެބަ ފުޅާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހޯމްލޭންޑު މިނިސްޓަރު ވަނީ ސިޔާސީ މީހުން އިދިކޮޅުގައި ތިބެ، ފުލުހުންގެ މުއައްސަސާއާ "ތޮޅޭ ތޮޅުން" ހުއްޓާލަން ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެބަ ޖެހޭ މިނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމެންޓު އެޖެންސީތަކަކީ ގާނޫނު އެންމެންނަށްޓަކާ ނަގަހައްޓާ ބައެއްކަން އެބަ ޖެހޭ ގަބޫލު ކުރަން،" އިހުސާން ވިދާޅުވި އެވެ.
"ސިޔާސީ ވާދަވެރިކަން އޮންނަން ވާނެ. ސިޔާސީ ގޮތުން ދެބަސް ވެސް ވާންވާނެ. އެހެން ނަމަވެސް، މީގެ ތެރެއަށް ދައުލަތުގެ މުހިއްމު މުއައްސަސާތައް ނުވައްދަންވީ."
ފުލުހުންގެ އަގު ވެއްޓުނީ ރާއްޖެއަށް ޑިމޮކްރަސީ އައި ފަހުން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ