ރައީސް ޔާމީނަށް ޓިކެޓް ދެއްވަން މައުމޫން ހުރަހެއް ނާޅުއްވާނެ: އަބްދުއްރަހީމް

ޕްރައިމަރީއަކާ ނުލައި 2018 ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމް ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުރަސް އަޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ސަރުކާރުގެ ދެ ވަނަ ދައުރަކަށް ވެސް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިދޭން އެދި އަންނަނީ ލިއުމެއް ތައްޔާރުކުރަމުންނެވެ. އެކަމަކު، ޕްރައިމަރީއަކާ ނުލައި ރިޔާސީ ކެންޑިޑޭޓް ހޮވުމަކީ އެހާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ފޮނުއްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅަކަށްވުމުގެ އިތުރުން ޕާޓީގެ ރައީސަށްވާތީ އެމަނިކުފާނު ވިދާޅުވާނީ ހުރިހާ ކަމަކަށް ވިސްނެވުމަށް ފަހު ސިޔާސީ ގޮތުން ކަމަށެވެ. ސިޔާސީ ގޮތުން އެމަނިކުފާނަށް ފާޅުގައި ވިދާޅުނުވެވޭނެ ވާހަކަތައް ހުންނާނެ ކަމަށާއި އޭގެ މާނައަކީ އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގެ ކިތަންމެ ހަނިގޮތަކުން ދެވެން އޮތް ނަމަވެސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ. އަދި މިހާރު އޮތް ގޮތުން އެއީ، ޕާޓީގެ ކައުންސިލަށް ނިންމޭނެ ކަމަށް. ކައުންސިލްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާއެކު. --އަބްދުއްރަހީމް
ރައީސް ޔާމީނަށް ޓިކެޓް ދެއްވަން އެދި ދުންޔާ މައުމޫނާއި ޣައްސާން މައުމޫން ސޮއިކުރައްވާފައިވާ ކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ޕީޕީއެމް
"ޕާޓީ ތެރޭގައި އެއްވެސް ކޯޅުމެއް ނެތް. އަދި ރައީސް ޔާމީނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ރައީސް މައުމޫން ހިޔާލުތަފާތުވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ 2018 ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅުއްވަން ގިނަ މެމްބަރުންތަކެއް ސޮއިކޮށްފައިވާ ލިއުން އަދި މައުމޫނަށް ހުށަހައެއްނާޅަ އެވެ. ވަރަށް އަވަހަށް އެ ލިއުން މައުމޫނަށް ހުށަހަޅުއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕްރައިމަރީގެ ސަބަބުން ވެރިކަން ގެއްލިއްޖިއްޔާ އޭގެ ގެއްލުން ވާނީ ގައުމާއި ރައްޔިތުންނަށް. --އަބްދުއްރަހީމް
އެ ހުށަހެޅުން މައުމޫނަށް ހުށަހަޅުއްވަން އިސް ނެންގެވީ އަބްދުއްރަހީމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން އެދިވަޑައިގަންނަވަން ޖެހުނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ތިން އަހަރު ތެރޭގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބައްލަވަ އެވެ. އަދި ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ދެމެދު ފައްޓަވާފައި ހުރި ބިޔަ މަޝްރޫއުތަކަކީ ދެ އަހަރުން ނިންމޭނެ މަޝްރޫއުތަކަކަށް ނުވާތީ، އެ މަޝްރޫއުތައް ނިންމަވަން ރައީސް ޔާމީނަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ޕީޕީއެމް
"ޕާޓީގެ އަސާސީ ގަވާއިދުގެ ކިތަންމެ ހަނިގޮތަކުން ދެވެން އޮތް ނަމަވެސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ. އަދި މިހާރު އޮތް ގޮތުން އެއީ، ޕާޓީގެ ކައުންސިލަށް ނިންމޭނެ ކަމަށް. ކައުންސިލްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ޔާމީނާއެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕްރައިމަރީގެ ސަބަބުން ވެރިކަން ގެއްލިއްޖިއްޔާ އޭގެ ގެއްލުން ވާނީ ގައުމާއި ރައްޔިތުންނަށް."
އަބްދުއްރަހީމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބު މައުމޫނަށް ނާކާމިޔާބުވުމުން، އެމަނިކުފާނު ކުރިއަށް ގެންދެވި ހުރިހާ މަޝްރޫއުތަކެއް ފުނޑުފުނޑުވީ އެވެ. ޕީޕީއެމް ނޫން އެހެން ބަޔަކު 2018 ގައި ވެރިކަމާ ހަވާލުވެ، އެ މަންޒަރު އަލުން ތަކުރާރުވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.
ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް
ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕްރައިމަރީ އަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށް އޮތަސް ސީދާ އެއީ ކިހިނެތްކަން ސާފުކޮށް ބަޔާންކޮށްފައެެއް ނުވެ އެވެ. އެހެންކަމުން ކޮންގްރެސްއަކަށް ނުގޮސް، ރައީސް ޔާމީނަށް ޓިކެޓް ދިނުމަކީ ޕީޕީއެމްގެ އިތުރުން ގައުމާއި ރައްޔިތުންގެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ