އައްޑޫ ހިތަދޫގެ އުތުރު ފަރާތުގެ ބިން ހިއްކައި މަގެއް ހެދުމަށް  ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ބަދަލު ގެނައުމަށް، އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓުގައި ލަފާ ދީފި އެވެ.  އޭގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ، އެ މަޝްރޫއުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމެވެ.
ވީ ކިހިނެއް؟ -  ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ހިތަދޫ މޫލެކެޑެ އަވަށުގެ މީހުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ޕެޓިޝަނުގައި އެ މީހުން ވަނީ، މިހާރު އެ ތަން އޮތް ގޮތުން ދިމާވާ ދަތިތައް ހާމަކޮށްފަ އެވެ. އެގޮތުން:
ބިމުގެ ދަތިކަން ބޮޑު
ޓްރެފިކް ތޮއްޖެހޭ
ފެންބޮޑުވޭ
އެ ސަރަހައްދުން ނުބައި ވަސްދުވާ
ޕެޓިޝަނުގައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ނިންމީ، މޫލިކެނޑައިގެ އިރުމަތީ ފަރާތުން ސަރަހައްދެއް ހިއްކައި އިތުރު މަގެއް އަޅައިދިނުމަށެވެ.  މި މަޝްރޫއުގެ ދަށުން ހިތަދޫ އިރު އުތުރު އައްސޭރިފަށް ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިޖެހުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވެ އެވެ. 
މޫލެކެޑެ އަވަށުގެ މީހުންގެ ފަސޭހައަކަށް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމި ނަމަވެސް، ރަށުގެ ކަމާ ގުޅޭ މީހުންގެ ބަހުން ނަމަ މިއީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުމާ ކައިރި މަޝްރޫއެކެވެ. 
އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހިއްކާ ސަރަހައްދުގައި ރަނގަޅު ކަނޑޫފާއެއް އެބައޮތެވެ. އެ ތަނުގައި، އެކި ބާވަތުގެ ކަކުނި އަދި ދޫނި އުޅެ އެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ނޭޗާ ޕާކުން ބުނި ގޮތުގައި، މި މަޝްރޫއު ހިންގަނީ، އީދިގަލި ކިޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް،  ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގެ 200 މީޓަރުގެ ބަފަރުގެ ތެރޭގަ އެވެ. އަދި މި ސަރަހައްދަކީ އައްޑޫ ބަޔޮސްފިޔާ ރިޒާވްގެ ތެރޭގައި ހިމެނޭ ތަނެއްކަމަށް ވެސް ބުނެފައި ވެ އެވެ. 
އީއައިއޭ ރިޕޯޓުގައި ބުނި ގޮތުގައި:
އައްޑޫ ކައުންސިލާއި އަމިއްލަ ޖަމިއްޔާތަކުން ވަނީ މި މަޝްރޫއުގެ ބޭނުންތެރިކަމާއި ހިނގާނެ ހަރަދާއި ލިބޭނެ ފައިދާއާ ގުޅޭގޮތުން ސުވާލު އުފައްދާފައި
މަޝްރޫއަށް ބޭނުންވާ ފައިސާއިން މިއަށް ވުރެ ފައިދާހުރި ކަންކަން ކުރެވޭނެ
މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންގެ އެއްވެސް މައްސަލައެއް ނެތެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ބިން އިތުރުވުމާއި ދަތުރުފަތުރު ކުރަން ފަސޭހަވުމެވެ. އެކަމަކު އޮންލައިންކޮށް ނެގި ސާވޭއަކުން ދައްކާ ގޮތުން، މަޝްރޫއު ކުރިއަށް ގެންދަން ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. 
މަޝްރޫއުގެ ސަބަބުން ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް:
2.6 ހެކްޓަރުގެ ސަރަހައްދެއްގެ ތެރޭގައި ހިމެނޭ ދިރުންތައް ގެއްލިގެން ދިޔުން
އެ ސަރަހައްދުގައި ހުރި ރަނޑޫ އާއި، އައްސޭރިފަށުގައި ހުރި ގަސްތައް ކެނޑުމުން،  އެ ސަރަަހައްދުގެ ދިރުންތައް މަދުވެ، ގުދުރަތީ ރައްކާތެރިކަން ކުޑަވުން
ބިން ހިއްކުމުގެ މަސައްކަތުން އުފެދޭ ކިލަނބުގެ އަސަރު، ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ކުރުން 
ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ރިއާޔަތްކޮށް، އީއައިއޭގައި ތިން ގޮތަކަށް ލަފާ ދީފައި ވެ އެވެ. އޭގެ ތެރެއިން  އެންމެ ބޮޑަށް ބުރަވާ ގޮތަކީ:
މަޝްރޫއުގައި ބުނެފައިވާ ވަރަށް ވުރެ ކުޑަކޮށް ބިން ހިއްކުން
އޭގެ ސަބަބުން އެ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތަކުގެ %60 ރައްކާކުރެވޭނެ
ފެން ހިންދުން ހަރުދަނާ ކުރެވި، ތަރައްގީ އާއި ތިމާވެއްޓާ ދެމެދު ހަމަހަމަކަމެއް ގެންގުޅެވޭނެ 
ބަންޑެއްގެ ތެރޭގައި ވެލި އަޅައި އަދި މޫސުން ރަނގަޅު ދުވަސްވަރު މަސައްކަތް ކުރުމުން ގެއްލުން ކުޑަވާނެ 
 އެ މަޝްރޫއުގެ ދަށުން 500 ކުދި ރަނޑޫ ގަސް އިންދައިފި ނަމަ އެކަން ވާނީ ހިތަދޫގައި މިގޮތަށް ކުރާ ފުރަތަމަ މަސައްކަތަށް 
އެހެންވެ، އީއައިއޭގެ ރިޕޯޓުގައި އެދިފައިވަނީ އެގޮތަށް މަޝްރޫއަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިޔުމަށެވެ.
    
    ތިމާވެއްޓަށް ގެއްލުން ލިބޭތީ ހިތަދޫގެ ބިން ހިއްކާ ގޮތް ބަދަލުކުރަން ލަފާދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ