ފާފަކުރުން ހުއްޓާލަން ބޭނުންވާ މީހަކަށް ކުރެވިދާން ކަންކަން ވަރަށް ގިނައެވެ. ފާފަކުރުން ހުއްޓައިލުމަކީ އެކަމަށް އެދޭ މީހާއަށް ދަތި އުނދަގޫ ކަމެއް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރެވިއްޖެނަމަ ހުއްތައިލެވޭނެއެވެ. އިން ޝާ ﷲ
އެކިއެކި ފާފަކުރުމުން ހިތްހަމަޖެހުން ލިބޭ މީހުން ވަރަށް ގިނައެވެ. އެފަދަ މީހުންގެ ލޮލަށް ނިދިވެސް އަންނާނީ ފާފައެއް ކުރެވުމުންނެވެ. އެފަދަ މީހުންނަށް އެކަމުން ސަލާމަތްވެވޭނެ އެންމެ ފަސޭހަގޮތް ބުނެދެން ހެއްޔެވެ؟
ފާފައެއް ކުރަން ހިތަށް އެރި ނަމަވެސް އަދި މީހަކު ދައުވަތެއް ދިން ނަމަވެސް ހިތް މައްޗަށް ﷲ ތަޢާލާ ގެންނާށެވެ! ތިމާ މިކުރާ ފާފަ ﷲ ތާޢާލާ 7 އުޑުމަތިން ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެންނާށެވެ! 2- މުކުރެވޭ ފާފައިގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހި އެތައް މިލިއަން އަހަރުތަކެއްވަންދެން އެތަނުގައި އަނދައަނދައި އޮންނަން ޖެހިދާނެކަން ހިތްމައްޗަށް ގެންނާށެވެ!
މި ދެ ކަންތައް ހިތް މައްޗަށް ގެނެވިއްޖެ ނަމަ މަތިމައްޗަށް ފާފަކުރަން ދެވިހިފާފައި ތިބޭ މީހުންނަށްވެސް ފާފަކުރުމުން ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ! މިވާހަކަ މިބުނަނީ ފުރިހަމަ ތަޖުރިބާ އާއިއެކުގައެވެ!
ހަމަ އެއާއިއެކު މީހަކު ކިޔައިދިން ކުޑަ ވާހަކައެއް ވެސް ކިޔައިދޭނަމެވެ.
އޭނާއަކީ ބަނގުރާ ބުއިމަށް ދެވި ހިފާފައި ހުރި މީހެކެވެ. ހުއްޓާލަން މަސައްކަތްކޮށްކޮށްވެސް ކާމިޔާބު ނުކުރެވިފައި ހުރި މީހެކެވެ. އެހެން އުޅެނިކޮށް އޭނާއަށް މީހަކު ދިން ނަޞޭހަތެއްގައި ވިސްނައި ދިނީ އެ އަމަލުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. އަދި ބަނގުރާ ބޮއި މަސްތުވުމުން މިހާރު ލިބޭ ވަގުތީ އަރާމަށްވުރެ ނަރަކައިގައި އޮވެ އަނދާއިރު އަޅާ ވޭން މާބޮޑުވާނެ ކަމެވެ. ނަރަކައިގައި އޮވެ ބޯން ޖެހޭނީ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ފާދިޔަ އާއި ދޮސް ކަމަށާއި އެވެސް ބޯން ޖެހޭނީ ކެކިކެކި ހުއްޓައި ކަމަށެވެ. މޫނާއި ކައިރިކޮށްލުމުން އެއިގެ ހޫނު ގަދަކަމުން މޫނުގެ މަސްތައް ވިރިގެން ފައިބާނެ ކަމަށެވެ. ކިތަންމެ ގިނައިން ބުއި ނަމަވެސް ކަރު ހިއްކުން ނުފިލާނެ ކަމަށެވެ. ބުއިވަރަކަށް ކަރު ހިއްކުން ވާނީ ބޮޑު ކަމަށެވެ.
އޭނާ ބުނީ އެމީހާ މިވާހަކަތައް ދެއްކިފަހުން ހިތުގައި އުފެދުނު ބިރުވެރިކަން ބޮޑުކަމުން އެއިގެފަހުން ބަނގުރާ ބޯން ހިތަށް އެރި ނަމަވެސް ބިރުން ގައިން ހީބިހި ނަގާ ކަމަށެވެ! އަދި އޭނާ ވަނީ އެ އަމަލުކުރުން އެކުގައި ހުއްޓާލައި ފުރިހަމަ ތައުބާއަކުން ވެފައި ކަމަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ފާފައެއް ކުރެވެން އުޅެވޭހިނދު ތިބާގެ ހިތްމައްޗަށް މި 2 ކަންތަކަށް ގެންނަމަ ފާފައެއް ނުކުރެވޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ