ނަޝީދުގެ ނުރުހުން އާޒިމަށް: ހިތުހުރި ގޮތަކަށް ކަން ކުރަން ސަރުކާރަށް ދޫކޮށްލައިގެން ހުރުން ބަލައިނުގަނެވޭނެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ފިހާރަ ކައިރީ ހުރި ގިނަ ދުވަސްވީ ގަސްތައް ކަނޑާލި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނުރުހުން، މާލޭގެ މޭޔަރު އާދަމް ޢާޒިމަށް މިއަދު އަމާޒުކުރައްވައިފިއެވެ. މާލޭ ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓު ނިންމައި ދެވަނަ ސެގްމަންޓު ވެސް ފުޅާކޮށް، އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން، އަތޮޅު ފިހާރަތައް ކައިރީ ދުވާރުމައްޗާ ދިމާލުގައި ހުރި ގަސްތައް ވަނީ މުލުން ލުހެލައި، ކަނޑާލައިފައެވެ. އެ ކަމާ ނުރުހުން ފާޅުކުރައްވައި ނަޝީދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ މާލޭގެ ގަސްތައް ކަނޑާލަން ސަރުކާރަށް ޢާޒިމް ދޫކޮށްލައްވައިގެން އޮތް ކަމަށް ތުހުމަތުކުރައްވައިފައެވެ. "މާލޭގެ ގަސްތައް ކަނޑާލަނީ ސަރުކާރުން ކަމަށް ވިދާޅުވެ މާލޭ މޭޔަރު، ކަމުން ރެކިވަޑައިގަނެ ހިތުހުރި ގޮތަކަށް ސަރުކާރު ކަންކުރާން ދޫކޮށްލެއްވުމީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ލިޔުއްވާފައިވެއެވެ. https://x.com/MohamedNasheed/status/2002815070792032405 އާދަމް އާޒިމަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއް ނަމަވެސް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އަންނަނީ އަލީ އާޒިމް މާލޭގެ މޭޔަރުކަމަށް ގެންނަން މަސައްކަތްކުރަމުންނެވެ. އަންނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ދެ އާޒިމް ވެސް އަންނަނީ ކެމްޕޭންކުރައްވަމުންނެވެ. ތިމާވެށީގެ ކަންކަމުގައި ވަކާލާތުކުރައްވާ ނަޝީދު ހުންނެވީ އަލީ އާޒިމާ އެކުގައެވެ. އަންނަ މަހު 16 ގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވާއިރު، މާލޭ މޭޔަރުކަމުގެ ވާދަވެރިކަން ބޮޑެވެ. ދެ އާޒިމްގެ ސަޕޯޓަރުން ވެސް ގެންދަވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. ނަޝީދުގެ އަރިސް ބޭފުޅުން އަލީއާ އެކު ތިއްބެވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިސް ބައެއް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ. އެތެރޭގެ ވާދަވެރިކަން ބޮޑުވެފައި އޮތް އެމްޑީޕީގެ ތެރޭގައި އަންނަ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ވެސް ބޮޑެވެ. އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކަނޑާފައި: މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --- ސަން ފޮޓޯ/ އަޙްމަދު ސާއިލު ޢަލީ ބޮޑުތަކުރުފާނު މަގުގެ ގަސްތައް ކަނޑައި ބިމާ ހަމަކޮށްފައި ހުރި ފޮޓޯތައް މީސްމީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމާ ގުޅޭ ގޮތުން، ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫ ޕީސްއިން ކުރި ޕޯސްޓެއްގައި ވަނީ ގިނަ އަހަރުތަކެއް ވަންދެން އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކެނޑުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ގަސްތައް ހުއްޓަސް މަގު ފުޅާކުރެވުނީސް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ޕޯސްޓެއްގައި ވަނީ މާލޭގެ ބަނދަރުމަތީގައި ހިޔާދޭ ބޮޑެތި ގަސްތައް ހައްދައިގެން ފިނިކުރުމަށް އިސްރަށްވެހިން ވަރަށް މަސައްކަތް ކުރި ކަމަށެވެ. "މާލޭގެ ބަނދަރުމަތީން ގަސްތައް ކަނޑައި، ހޫނު ހަނަފަސް ތަނަކަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް،" އާޒިމް ލިޔުއްވިއެވެ. އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކަނޑާފައި: މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --- ސަން ފޮޓޯ: އަޙްމަދު ސާއިލު ޢަލީ މީގެ އިތުރުން ވެސް އެކި މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އެމްޓީސީސީގެ ބަހެެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. މީގެ ކުރިން ވެސް އަމީނީ މަގު ހަދަން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތަކެއް ނެގިއެވެ. އެހެންވެ، އޭރު ވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ. ދާދި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެ ރަށުގެ ރައްޔިތުން ވަނީ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ދެ ނިކަ ގަހެއް ނަގަން އެދިފައެވެ. އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ ފަހުން ރައީސް ވަނީ ދެ ނިކަ ގަސް ނެގުމަށް ފަހު، އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ