މިހާރު އޮތް ޕީނަލް ނިޒާމުން ނަތީޖާއެއް ނުފެނޭ، ހައްލެއް ހޯދަންޖެހޭ: ކްރިމިނަލް ކޯޓު
ޕީނަލް ކޯޑު، ނުވަތަ ގާނޫނުލްއުގޫބާތުގެ މައިގަނޑު ބޭނުމަކީ މީހުން އިސްލާހުކުރުންކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން އެދެވޭ ނަތީޖާ ނުނިކުންނަ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްޢަތު ޙަބީބު ވިދާޅުވެއްޖެއެވެ. ކްރިމިނަލް ކޯޓަށް ބަންދު މުއްދަތު ޖަހަން އެންމެ އާންމުކޮށް ގެންދާ މައްސަލަތަކަކީ މަސްތުވެ ހުރުމުގެ މައްސަލަތަކާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ. ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ބަންދު މުއްދަތު ޖަހަން އިއްޔެ 46 އަހަރުގެ ފިރިހެނެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. ޕޮލިޓެކްނިކް ތެރެއިން އޭނާ ފެނުމުން ސުވާލުކުރުމުން އޭނާ ބުނީ އެ ތަނުގެ ގުދަން ތެރޭ ފިލައި އޮތުމަށްފަހު ނިކުތީ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާއަށް ތުހުމަތުކުރަނީ ވައްކަންކުރަން ގުދަނަށް ވަތް ކަމަށެވެ. އޭނާގެ ވައްކަމުގެ މައްސަލަތައް އާދަޔާ ޚިލާފަށް ގިނަކަމަށާއި، އޭނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްކަމަށް އިއުތިރާފްވެފައިވާކަމަށް ވެސް ބަންދު އަމުރުގައިވެއެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އެއާއެކު އަމުރުގައި ގާޒީ ސަފްއަތު ފާހަގަކުރެއްވި ގޮތުގައި މި ބާވަތުގެ މައްސަލަ ވަރަށް އާންމުއިރު، އެފަދަ ހާލަތުގައި ތިބޭ މީހުން ކޮންމެ ފަހަރަކު ކުށެއް ކުރާއިރަށް ކުޑަ މުއްދަތަކަށް ބަންދުކޮށް، ބަންދުން ދޫކުރާއިރަށް އަލުން އެ ފަދަ މައްސަލައެއްގައި ހައްޔަރުކުރުން ވެސް އާންމެވެއެވެ. ޖިނާއީ ކުޑަ މައްސަލައެއްގައި ދައުވާ ކުރުމަކީ ވެސް ޚަރަދު ބޮޑު ކަމެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. ގާޒީ ސޮފްވަތު އަދި ޕީނަލް ނިޒާމު، ނުވަތަ ޕީނަލް ކޯޑުގެ މައިގަނޑު ބޭނުމަކީ މީހުން އިސްލާހުކުރުން ކަމަށްވީނަމަވެސް އެދެވޭ ނަތީޖާއެއް މިހާރުގެ ނިޒާމުން ނުފެންނަކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. "މިކަމަށް ނިޒާމީ ހައްލެއް ގެންނަންޖެހޭ،" އަމުރުގައި ފާހަގަކުރެއްވިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަސްތުގެ ހާލަތުގައި ގިނަ ބަޔަކު "ކަންކަންމަތީ" ތިބެއެވެ. އެ ފަދަ ބައެއް މީހުން ކުދިކުދި ވައްކަންތައް ކޮށްގެން ވެސް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރެއެވެ. އޭގެ ތެރެއިން ބަޔަކު، އެ މީހުންނަކީ މަސްތުގެ ވަބާގައި ޖެހިފައި ތިބި މީހުންކަމަށް އަމިއްލަ އިއުތިރާފުވާ ނަމަވެސް އެކަށީގެންވާ ފަރުވާއެއް ދެވޭފަހަރު މަދުކަމުގެ ކަންބޮޑުވުން މުޖުތަމައުގެ ތެރޭގައި އެބައޮތެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ޑުރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް އެ ފަދަ މީހުން ގެންގޮސް ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ