ޞާލިޙާއި ނަޝީދު ބައްދަލުކުރައްވާ، އެކުގައި މަސައްކަތްކުރައްވަން ފައްޓަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ތެރޭގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން ބައިބައިވުން ބޮޑެވެ. ތ. ހިރިލަންދުއަށް ވަޑައިގެންނެވި މަގުމަތީގައި ދ. ކުޑަހުވަދުއަށް މިއަދު ވަޑައިގެން ޞާލިޙް ވަނީ އެ ރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތްކުރަން އެދިވަޑައިގެންފައެވެ. އެ ބައްދަލުކުރެއްވުމުގައި ޞާލިޙް ވަނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ. https://sun.mv/215065 އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށާއި މިހާރު ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، ދެ ރައީސުން އެކުގައި މަސައްކަތްކުރައްވާތަން ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ތެރޭގައި މިހާރު ވެސް ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ޝައުގުވެރިކަން ގެންގުޅުއްވާއިރު އޭނާ މިހާތަނަށް އިއުލާނެއް ނުކުރައްވައެވެ. ފައްޔާޒާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، ޝާހިދާއި ޞާލިޙް ފެންނަނީ އެކުގައި މަސައްކަތްކުރައްވާ މަންޒަރެވެ. https://sun.mv/209623 އެ ޕާޓީގެ ތެރޭގައި ފެކްޝަންތައް އުފެދި، ބައިބައިވުން އޮތްއިރު ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ވާދަވެރިކަން ވެސް ބޮޑެވެ. ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ. ޚިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ އަޑު ފަނޑުވާކަމުގެ ކަންބޮޑުވުން މި ފަހުން ވަރަށް ބޮޑެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޞާލިޙާއި ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވިއެވެ. އެ ފަހަރުގެ ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރެއްވުމަށް ފަހު، ނާކާމިޔާބުވުމުން ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީން ވަކިން ރިޔާސީ އިންތިޚާބަށް އިލްޔާސް ލަބީބު ނެރުނެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެ ޕާޓީން އެމްޑީޕީއާ އެއްބައެއް ނުވިއެވެ. މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެކަމަކު، ފަހުން އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު، ޕާޓީގައި އިސްކޮށް ތިއްބެވި އެންމެން އެމްޑީޕީއާ ގުޅެން ނިންމީ އޭގެ ފަހުން މި އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ