ކުންފުނިތަކުގެ ހަމައެކަނި ޒިންމާއަކީ ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ޚަރަދުކުރުން: އަދާލަތު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ އެޖެންޑާއަށް މަސައްކަތްކުރުމުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުގެ މިސްރާބުހުރީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް އަދާލަތު ޕާޓީން މިއަދު ތުހުމަތުކޮށްފިއެވެ. ސަރުކާރު ކުންފުނިތަކުގެ ގެއްލުމާއި ދަރަނި ބޮޑުވެ، ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކަށް އެއްވެސް އިރެއްގައި ނުވާ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގައުމީ ބޭންކް، ބީއެމްއެލްއާއި އެއާޕޯޓުތައް ބަލަހައްޓާ އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ހަމައެކަނި މަސައްކަތަކީ ރައީސް މުޢިއްޒުގެ ސިޔާސީ އެޖެންޑާއަށް ޚަރަދުކުރުން ކަމަށް ހަދާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އެހެންވެ، އެ ކުންފުނިތައް ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އަދާލަތު ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://x.com/AdhaalathOffice/status/2002987087864398057 މި ސަރުކާރުން ކޯޕަރޭޓް ގަވަނަންސްގެ ހަމަތަކާ ޚިލާފުވެ، ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ފަސާދަ އާންމުކޮށް، ދިވެހީންގެ ހަރުމުދާ ލޫޓުވާގޮތަށް ކުންފުނިތައް ހިންގާ ކަމަށް ބުނެ، އަދާލަތު ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަހަރުތަކެއް ވަންދެން ބޮޑު ފައިދާ ނެރުނު ކުންފުނިތަކަށް ގެއްލުންވާން ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ. "ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ލިބުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތް ލޫޓުވަން ލިބޭ ފުރުސަތެއް ކަމުގައި ނުދެކުމަށް ރައީސް މުޢިއްޒަށް އިލްތިމާސްކުރަމެވެ،" އަދާލަތުގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، އަދާލަތުން ވަނީ ވާދަވެރި ޓެންޑަރުގެ އުސޫލުތަކުގެ ބޭރުން އެއްވެސް ހަމައެއްނެތި ބަހާލާ މަޝްރޫޢުތަކުގެ ނަމުގައި ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ، ރައީސް މުއިއްޒުގެ އެކުވެރިންނަށް ބަހާލި ކަމަށާއި އެމްއޭސީއެލްގެ ހަރުމުދާ ރަހުނުކުރުމަށް ފަހު ބޮޑެތި އަދަދުތަކުން ދަރަނި ނަގާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެ ކަންކަން ވަގުތުން ހުއްޓާލަން އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ އަދާލަތު ޕާޓީ ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓުގައި، ކުރިން ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް ވަނީ 19.66 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ. މީގެ އިތުރުން، ޕީސީބީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކައަށް އެކަނި ވެސް މިދިޔަ އަހަރު 437 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އާރްޑީސީއަށް 114 މިލިއަން ރުފިޔާގެ ގެއްލުންވިއިރު ފެނަކައަށް 33.7 މިލިއަންގެ ގެއްލުންވިއެވެ. އައިލެންޑް އޭވިއަޝަނަށް ވެސް 46.4 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. ގެއްލުންވި އިތުރު ބައެއް ކުންފުނިތައް: އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް 17.55 މިލިއަންގެ ގެއްލުން ޕޯސްޓް ލިމިޓެޑަށް 2.26 މިލިއަންގެ ގެއްލުން ޕީއެސްއެމަށް 5.72 މިލިއަންގެ ގެއްލުން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް 7.15 މިލިއަންގެ ގެއްލުން ހައްޖު ކޯޕަރޭޝަނަށް 6.60 މިލިއަންގެ ގެއްލުން ބީސީސީއަށް 3.65 މިލިއަންގެ ގެއްލުން ފަހިދިރިއުޅުން ކޯޕަރޭޝަނަށް 14.05 މިލިއަންގެ ގެއްލުން މައިންޑްކޯއަށް 10.55 މިލިއަންގެ ގެއްލުން ގެއްލުންވި ބައެއް ކުންފުނިތަކުގައި އޭރު ތިއްބެވި މެނޭޖިން ޑިރެކްޓަރުން: އެންމެ ބޮޑު ގެއްލުމެއް ވީ އާރްޑީސީއަށް -- ޕީސީބީން ނެރެފައިވާ، މިދިޔަ އަހަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އެބަ އޮތެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ. އެހެންވެ، އެއީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓު އިތުރުވުމެކެވެ. https://sun.mv/215580 އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި އޮތީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. މިގޮތުން، އެ ކުންފުނީގެ ދަރަނި 2.7 ބިލިއަނަށް އަރައެވެ. ކުންފުނިތަކުގެ ދަރަނި 37 ބިލިއަނަށް އެރިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 34.7 ބިލިއަން ރުފިޔާގައެވެ. އެހެންވެ، މި އަހަރު މި އައީ 6.8 ޕަސެންޓްގެ އިތުރުވުމެކެވެ. ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެ ކޯޕަރޭޝަނުގައި 9.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ