ގަލުފަޅުގެ ނަން އަތަމަނައަށް ރަސްމީކޮށް ބަދަލުކޮށްފި ގަލުފަޅުގެ ނަން އަތަމަނައަށް ރަސްމީކޮށް ބަދަލުކޮށްފި

ޒަމާނީ ކޮންވެންޝަން ސެންޓަރެއް ހިމެނޭ ގޮތަށް، އިވެންޓު ސެންޓަރެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ގަލުފަޅުގެ ނަން "އަތަމަނަ" އަށް ފިނޭންސް މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ސަރުކާރު ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި، މާލޭގެ ހުޅަނގުއުތުރުން 2.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ، ފަޅުގެ ނަން ބަދަލުކުރަން ނިންމީ ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީގެ މި އަހަރުގެ ދެ ވަނަ ބައްދަލުވުމަށް ފަހުގަ އެވެ.
މުއައްރިހުން ބުނާ ގޮތުގައި އަތަމަނަ ހުރާ އަކީ އިހު ޒަމާނުގައި މާލެއަށް ކިޔައި އުޅުނު ނަމެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމަށް ހުންނެވި ދުވަސްވަރު، މި ނަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަފުތާ މަޖައްލާއެއް ނެރެފަ އެވެ.
އަތަމަނަ (ކުރިން ގަލުފަޅު) އަކީ ބިންވެރިޔާ ސްކީމަށް ހުޅުމާލޭން ގޯތި ދޭން ޖެހުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުގެ ގޮތުގައި ދީފައި އޮތް ފަޅެކެވެ.
ނަމަވެސް މި ފަހުން ސަރުކާރުން ވަނީ އަތަމަނަގައި އެޗްޑީސީން ހިންގަން އުޅުނު އިވެންޓު ސެންޓަރު ޕްރޮޖެކްޓާ ހަވާލުވެ، ފިނޭންސުގެ ބެލުމުގެ ދަށުން މަސައްކަތް ފަށާފަ އެވެ. ސަރުކާރުން ވެސް މި ފަޅު ތަރައްގީކުރަނީ، އެޗްޑީސީން މިދިޔަ އަހަރު ދައްކާލި ޓްރާންސްފޯމިން ޓުމޯރޯ ޕްލޭންގެ ތެރެއިން ދައްކާލި، "ނޫވިލު" ޕްރޮޖެކްޓުގައި ދައްކާލި ކޮންސެޕްޓަށެވެ.
މި ފަޅުގެ ޑިވެލޮޕްމަންޓު ޕްލޭންގައިވާ ގޮތުން، މެދަށް ފުންކޮށް އޮންނަ 60 ހެކްޓަރުގެ ގަލުފަޅުގެ ވަށައިގެން އޮންނަ ތިލަ ސަރަހައްދުން ހިއްކަނީ 19.8 ހެކްޓަރެވެ.
މި ތަނުގައި އިވެންޓު ހޯލަކާއި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން ކޮމާޝަލް ޕްލާޒާއަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ރެސްޓޯރަންޓުތައް ހުންނާނެ އެވެ. އަދި އެ ތަނަށް ދާ މީހުން ތިބޭނެ ވިލާތަކާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނެ ތަންތަން ވެސް ހުންނާނެ އެވެ.
މިއީ މާލޭގައި ހުންނަ ދަރުބާރުގޭގެ ބަދަލުގައި އިވެންޓުތަކާއި ޖަލްސާތަކާއި އެހެނިހެން ބައްދަލުވުންތައް ބާއްވަނެ ތަނެއް ގާއިމުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ