ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ބެހޭ ގޮތުން މުއިއްޒު ހެއްދެވީ ބުހުތާނު ދޮގެއް: އާދަމް އާޒިމް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ބެހޭ ގޮތުން މުއިއްޒު ހެއްދެވީ ބުހުތާނު ދޮގެއް: އާދަމް އާޒިމް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ނުކުރެވިގެން އުޅެނީ އެ ކައުންސިލުން އެ ހިދުމަތާ ހަވާލުވާން ދެކޮޅު ހެދުމުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭ ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ ހުޅުމާލޭގެ މުނިސްޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްދިނުމަށް އެދި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ބައްދަލުކުރުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
އެ ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުނުކޮށްގެން އުޅެނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މާލެ ސިޓީ ކައުންސިލުން މިކަމާ ހަވާލުނުވެގެނެއް ނޫން މިއުޅެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަން ކުރަން ބޭނުންފުޅު ނުވާތީ އެކަން ނުކުރެވިގެން މިއުޅެނީ، ދެން އެޗްޑީސީގެ މައްސަލައެއް ނޫން މިއުޅެނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މައްސަލައެއް މިއުޅެނީ މިކަން ނުކުރާންވެގެން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް އެހެން ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުންނެވެވެ.
ރޭގެ ޖަލްސާގައި އާންމުންގެ ތެރެއިން މީހަކު ފާހަގަކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ނަމަވެސް އެކަން ނުވެ އޮތީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ބޭނުންނުވާތީ ކަމަށެވެ.
"އެހެންނަމަވެސް، ސިޓީ ކައުންސިލުން މި ތަނުގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއް ނުވި، ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސް ނުވީ، ނުވީމާ އެޗްޑީސީން އަދިވެސް ވަގުތީގޮތުން އެ ބަލަހައްޓަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތުކޮށްދެއްވަމުން އާޒިމް ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރި މަސައްކަތުގެ ޓައިމްލައިން ވެސް އަދަދު އާ ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން، ހުޅުމާލޭގެ މުސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ޖެނުއަރީ 4، 2024 ގައި ކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެފަހުން ޖެނުއަރީ 9، 2024 ގައި އެކަން ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިން ފްރޭމްވޯކެއް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެއަށްފަހު އޯގަސްޓު 5، 2024 ގައި ފިނޭންސް މިނިސްޓްރީއާއެކު އެކަމާ ބެހޭ ބަޖެޓުގެ މަސައްކަތް ކުރެވުނު ކަމަށާއި ހަމަ އެ މަހުގެ 11 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލަށް މުއިއްޒު ވަޑައިގަތުމުން، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދެއްވުމަށް ސީދާ ރައީސްގެ ކިބައިން އެދުނިން ކަމަށެވެ. ނަމަވެސް އޭގެފަހުން ރައީސް އޮފީހުން އެއްވެސް ޖަވާބެއް އެކަމާ ގުޅިގެން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލަށް އެކަމާބެހޭ އެއްވެސް ޖަވާބެއް ނުލިބުމުން، އޭގެފަހުން ވެސް މިއަދާ ހަމައަށް ޖުމުލަ ހަތަރު ސިޓީއެއް މާލެ ސިޓީ ކައުންސިލުން ފޮނުވާފައިވާނެ ކަމަށެވެ.
އެގޮތުން، އޯގަސްޓު 25، 2024 ގައި އާއި ޑިސެމްބަރު 29، 2024 ގައި އަދި މި އަހަރުގެ ފެބްރުއަރީ އާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ސިޓީތަކެއް ފޮނުވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެއިތުރުން އެކަމާ ގުޅިގެން ބައްދަލުކުރުމަށާއި މައުލޫމާތު ހޯދުމަށް އެތައް ފަހަރެއްގެ މަތިން ގުޅައިގެން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިއީ ހަމަ ސީދާ ލިޔެކިޔުމުގައި ހުރި ޑޮކިއުމެންޓްސް މި ކިޔަނީ، އޭގެ އިތުރަށް އަޅުގަނޑުމެން އެތައް ފަހަރެއްގެ މަތިން ފޯނު ކޮށްފިން ބައްދަލުކުރަން މިކަން ކުރަންވެގެން. ދެން ހަމަ މި ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ފޯނުކޯލަކުން ވެސް ވާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަމާ ހަވާލުވާން ތައްޔާރަށް މިއަދު މި ތިބެނީ."
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނުދީ އޮތީ މުއިއްޒުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތީމާ ކަމަށާއި އެމަނިކުފާނަކީ ކޮންމެ ކަމެއް ވެސް ގަޑުބަޑުކުރަން ބޭނުންވާ ބޭފުޅެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ޑިސެމްބަރު 31، 2023 ގައި މުއިއްޒު ވަނީ އެގޮތަށް އެކަން ކުރަން ނިންމެވިކަން ވެސް ހާމަކުރައްވައިފަ އެވެ. މުއިއްޒު އެރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނުއަރީ 1، 2024 އިން ފެށިގެން ހުޅުމާލޭގެ މުނިސިޕަލްޓީގެ އެންމެހާ މަސައްކަތެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށެވެ.
އެ ނިންމުމާ އެއްގޮތަށް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އާބަންކޯ (މިހާރުގެ އެޗްޑީސީ) އާއެކު މާލެ ސިޓީ ކައުންސިލުން އެމްއޯޔޫއެއްގައި ސޮއިކުރީ ޖެނުއަރީ 4، 2024 ގަ އެވެ.
އެހެންނަމަވެސް، އޭގެފަހުން މިއަދާ ހަމައަށް ވެސް އެ ނިންމުމާ އެއްގޮތަށް ސަރުކާރުން އެކަން ކޮށްދީފައެއް ނުވެ އެވެ. އެޗްޑީސީން މީގެ ކުރިން ބަހަނާ ދެއްކީ ހުޅުމާލެ ފަދަ ބޮޑު ސަރަހައްދެއްގައި މުނިސިޕަލް ހިދުމަތް ދިނުމުގައި މާލެ ސިޓީ ކައުންސިލްގެ މާލީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ