ފަހުމީގެ ކޮރަޕްޝަނުގެ ޝަކުވާ ރައީސް އޮފީހަށް ގެންދިއުމުން ސްޓެލްކޯގެ ވަޒީފާއިން ކަނޑާލިކަމުގެ ތުހުމަތު ފަހުމީގެ ކޮރަޕްޝަނުގެ ޝަކުވާ ރައީސް އޮފީހަށް ގެންދިއުމުން ސްޓެލްކޯގެ ވަޒީފާއިން ކަނޑާލިކަމުގެ ތުހުމަތު

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ގުޅޭ ކޮރަޕްޝަނުގެ ޝަކުވާތަކެއް ރައީސް އޮފީހާ ހިއްސާކުރުމުން ވަޒީފާއިން ވަކިކުރި ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ބުނެފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި އެ މީހާ ބުނި ގޮތުގައި މި ސަރުކާރު ގެނައުމަށް މުއިއްޒުގެ ކެމްޕޭނުގައި އޭނާ އިސް ދައުރެއް އަދާކުރި އެވެ. އިންތިގާލީ މަރުހަލާގައި ކޮމިޓީ ތަކުގައި އުޅުނު ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، ސަރުކާރުން އޭނާ ދުރުކޮށް ވަޒީފާއިން ވަކިކުރީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އަބްދުﷲ) އާއި ބައްދަލުކޮށް ފަހުމީގެ ހިންގަމުންދިޔަ ކޮރަޕްޝަނުގެ ވާހަކަތައް ހިއްސާކުރުމުން ކަމަށް އޭނާ ބުންޏެވެ.
"ފަހުމީގެ އެމްޑީ ކަމުގަ އެއީ އިނގޭތޯ. ފަހުމީއަށް އެނގޭނެ މިއީ ރަނގަޅު ތެދު ވާހަކަ ކަން. އެކަމު މަނިކުފާނުގެ އަރިހުގަ ދެއްތޯ އިންނެވީ. ކޮރަޕްޝަން. އަޅުގަނޑު މި ދެންނެވީ ކޮރަޕްޝަން އޭ އެއީ،" އޭނާ ބުންޏެވެ.
މި ވާހަކަތައް ހިއްސާކުރުމުން އެއީ މުއިއްޒު ވަރަށް ނުރުހޭނެ ކަމެއް ކަމަށާއި ވައްކަމާއި ކޮރަޕްޝަނުގެ އެފަދަ ތުހުމަތުތައް ވަރަށް ގާތުން ބަލާނެ ކަމަށް އަބްދުﷲ ބުނި ކަމަށް އޭނާ ބުންޏެވެ. އަބްދުﷲ އާއި ބައްދަލުކުރީ ރައީސް އޮފީހުގައި ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑާ ހެރިންސް އަބްދުﷲ އާ ހަމަ ރައީސް އޮފީހުގަ މީޓު ކުރީ. މި މައްސަލާގަ. އެކަމު ކިހިނެތްތޯ އޭގެ ނަތީޖާ. އޭގެ މުގާބިލުގައި ހަފުތާއެއް ފަހުން އަޅުގަނޑޭ ވަޒީފާއިން ވަކިކޮށްލީ. ކިހާ ރަނގަޅު ތޯ ފަހުމީ. ފަހުމީ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" އޭނާ ބުންޏެވެ.
ސްޓެލްކޯގެ ހިންގުން ބޮއްސުންލައި މާލެ ސަރަހައްދުން ކަރަންޓު ކެނޑުން އާންމުވެ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވުމުގެ އިތުރުން ކޮރަޕްޝަނުގެ އެތައް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކުރީ ސެޕްޓެމްބަރު 7، ގަ އެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީއެއްގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަން ކޮށްފަ އެވެ. ރޭގެ ބައްދަލުވުމުގައި ފަހުމީ ވެސް ބައިވެރިވި އެވެ.
މީގެ އިތުރުން، މި ސަރުކާރު ގެނައުމަށް ފަހުމީ ފަދަ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ނަމަވެސް ސަރުކާރު ގެނައުމަށް ކެމްޕޭން ކޮށް މަސައްކަތްކުރި މީހުންގެ ބަދަލުގައި މުއިއްޒު އަރިހުގައި ގެންގުޅެނީ ފަހުމީ މެންފަދަ ބޭފުޅުން ކަމަށް ވިދާޅުވެ ރޭ ވާހަކަދެއްކި މީހާ މުއިއްޒުއަށް ފާޑުކިޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ