ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން، އެތައް ބަޔަކު ދުންފަތާ ދުރުވެއްޖެ: ރައީސް

މި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، އެތައް ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރުމުން, ދުރުވެފައިވާ މަންޒަރު ފެންނަ ކަމަށާއި ދުންފަތް ހިމެނޭ ތަކެތި ނުގަވައިދުން އެތެރެކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އެހެން ވިދާޅުވީ، އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރި ފަހުން ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެކުރާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިމްޕޯޓު ޑިއުޓީ ވެސް ނުލިބި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ. ނައިފަރުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ ބަލިތަކެއް ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭ ކަމަށެވެ. އެހެންވެ، ދުންފަތާ ދެކޮޅަށް މި އަހަރު ވެސް މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން އަންނަ މަހުން ފެށިގެން 'ޖެނެރޭޝަނަލް ބޭން' ތަންފީޒު ކުރަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/213191 އެ ފިޔަވަޅުގެ ސަބަބުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ހިތުން ޕްރިވެންޓިވް ހެލްތުކެއާގެ އެންމެ މުހިންމު ޕްރޮގްރާމަކީ މިއީ. ދުންފަތުގެ އިސްތިއުމާލު ކުރުމުން އެކިކަހަލަ ގައިންގަޔަށް ނާރާ އެތައް ބައްޔެއް ފެތުރޭކަން އެއީ ޑަބްލިޔުއެޗްއޯއިންނާއި ސިއްހީ ދާއިރާގެ އެކްސްޕާޓުންނާއި ކިރިޔާވެސް މި ދާއިރާގެ ތައުލީމެއް ނޫނީ ކަމެއް އެނގިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވާ ހަގީގަތް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް، ނައިފަރުގައި: އެތައް ބަޔަކު ދުންފަތުން ދުރުވެފައިވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ފުރަތަމަ ޒުވާނުންނަށް ގާނޫނުން ދުންފަތް މަނާކޮށްފައިވާއިރު، ބޮޑު މީހުންނަށް ގާނޫނަކުން ފިޔަވަޅު ނޭޅި ނަމަވެސް، ދުންފަތް ބޭނުންކުރުމަށް އެކި ކަހަލަ ހުރަސްތައް އަޅަމުންދަނީ ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އިޝާރާތް ކުރެއްވީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރުމާއި ވޭޕް މަނާ ކުރުމަށެވެ. އެ ބަދަލުގެ ސަބަބުން ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ މުޖުތަމައުގެ ކޮންމެ ރައްޔިތަކީ ވެސް، ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވެފައި ތިބި، ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ވުމަށް ކަމަށެވެ. "އެހެންވީމަ އެއްގޮތަކަށް ވެސް ނުގަވައިދުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި މި އިސްތިއުމާލުކުރުމުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން މިކަމުން ދުރުވާން، މި ވަބާއިން ދުރުވާން،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު ވެސް އެތައް ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން މުޖުތަމައަށް ލިބޭ ހިތްހަމަޖެހުން ފެންނަ ކަމަށެވެ. "ކައިރީގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަން ތިބޭއިރުގައި ކުރީގައި ސިނގިރޭޓު ބުއިމަށް ފަހު މިސްކިތަށް އަރައިގެން އަނގައިން އެ ދުވާ ވަސް މިސްކިތް ތެރެއިން ނުދުވާކަން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ. އަދި އެފަދަ އެތައް ކަމެއް އެބަ ފެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ. ވޭޕް މަނާ ކުރުމަށް އިޝާރާތް ކުރައްވައި ރައީސް އަނެއްކާވެސް ވިދާޅުވީ، ވޭޕް މަނާކުރީ އޭގެ ޒަރިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވާތީ ކަމަށެވެ. އަދި އެއީ މަނާ ކުރަން ޖެހޭ އެއްޗެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ވެސް މިރޭ އިއުލާން ކުރައްވައިފައެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން، ވަގަށް ސިނގިރޭޓު އެތެރެކޮށް ބާޒާރުގައި ވިއްކުން ވަނީ އިތުރުވެފައެވެ. އެހެންވެ އެ ބަދަލަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ