ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އޮސްޓްރޭލިއާއިން ކަސްޓަމްސްއަށް ޑްރޯންތަކެއް ހަދިޔާކޮށްފި
ކަސްޓަމްސްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އޮސްޓްރޭލިއާއިން އެ ޚިދުމަތަށް ސަވެއިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ. ކަސްޓަމްސްއިން ބުނީ، އޮސްޓްރޭލިއާއިން ޑްރޯންތައް ހަދިޔާ ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕްއެވެ. އަދި ޑްރޯންތަކާ ހަވާލުވީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާއެވެ. https://x.com/CustomsMv/status/1983154887933444601 އެ ރަސްމިއްޔާތުގައި ދިޔާނާ ވަނީ، އޮސްޓްރޭލިއާގެ ސަރުކާރާއި އެ ގައުމުގެ ބޯޑާފޯސްއަށް ޝުކުރު އަދާކުރައްވައިފައެވެ. އެ ޑްރޯންތަކާއެކު، ބޯޑަރާއި ބަނދަރުތައް ބެލެހެއްޓުމާއި ކަސްޓަމްސްއިން ބަލަހައްޓާ އެހެނިހެން ތަންތަނުގެ ސަވެއިލެންސް އިތުރަށް ވަރުގަދަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން ބުނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއާއި އޮސްޓްރޭލިއާއަކީ ބައިވެރިން ކަމަށެވެ. https://x.com/AusHCMV/status/1983059530541138395 އެ ގައުމުން ހަދިޔާކޮށްފައިވަނީ ކިތައް ސަވެއިލެންސް ޑްރޯން ކަމެއް މިހާތަނަށް ކަސްޓަމްސްއިން ހާމަކޮށްފައިނުވެއެވެ. ރާއްޖެއިން ބޭރުކުރާ އަދި ގައުމަށް އެތެރެކުރާ މުދާ ޗެކްކުރުމުގެ ޒިންމާ އޮންނަ ކަސްޓަމްސްއާ ގުޅުންހުރި މައްސަލަތަކެއް ފާއިތުވި ހަފުތާތަކުގެ ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި، ކަސްޓަމްސްއިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ވެސް ބާރު ހިނގާ ގޮތަށް ހުރި، ބޮންޑެޑް ވެއާހައުސްއަކަށް ލީ ސިނގިރޭޓު ޝިޕްމަންޓެއްގެ މައްސަލައެއްގެ އިތުރު ތަފުސީލުތައް ވަރަށް ފަހުން ހާމަވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ