ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީއާ ހަވާލުވުމުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ރަޖިސްޓްރީއާއި އެގްރީމަންޓާ ހަވާލުވުމަށް އެޕޮއިންޓުމަންޓު ހެއްދުމުގެ މުއްދަތު ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ. ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ. މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އައު ރަޖިސްޓްރީއާއި އެއްބަސްވުމުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ގުޅިފަޅު: ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީއާ ހަވާލުވާން އެޕޮއިންޓުމަންޓު ހެދުމުގެ މުއްދަތު އިތުރުކޮށްފި --- ފޮޓޯ/ ހައުސިން މިނިސްޓްރީ އެގޮތުން، އެޕޮއިންޓުމަންޓަށް އެދޭއިރު، ވަކި ލިޔުންތަކެއް ހަމަކުރަން ޖެހެއެވެ. އެއީ: ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެކަކުގެ އައީޑީ ކާޑުގެ ކޮޕީ ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާނަމަ، ހުށަހަޅަން ޖެހޭ ލިޔުންތައް ވެސް އެ އިއުލާނުގައިވެއެވެ. އެގޮތުން، ހުށަހަޅަން ޖެހޭނީ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ޝަރުއީ ކޯޓެއްގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީއާއި އެޓާނީގެ އައިޑީ ކާޑުގެ ކޮޕީއެވެ. މިނިސްޓްރީން ބުނީ، އެޕޮއިންޓުމަންޓަށް ހުށަހަޅާ މީހުންގެ ފޯނު ނަމްބަރަށް އެސްއެމްއެސްއާއި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް, ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުމާ ހަވާލުވުމަށް ހަޒިރުވާން ޖެހޭ ތަނާއި ގަޑި އަންގާނެ ކަމަށެވެ. https://sun.mv/210584 ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓު 28ގައި ބުނީ، ގުޅީފަޅުން އެހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ