ކޮއްކޮ ވަކިވީ ބޭބެގެ ޖަނާޒާ ނިންމާފައި އާއިލާއަށް ރަށަށް ނުދެވި އުޅެނިކޮށް

އެ އާއިލާގެ ގިނަ ބަޔަކު މާލޭގައި ތިބީ، ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ އާއިލާގެ މީހަކު މަރުވެގެން ޖަނާޒާއަށް އައިހެވެ. އެކަމަކު އެކަން ނިންމާފައި ފުރަން ރަށަށް ދާން ތައްޔާރުވި ތަނާ ލިބުނީ ހަމަ އެ ފަދަ ހިތްދަތި ހަބަރެކެވެ. އާއިލާގެ އިތުރު ޒުވާނަކު ހަމަ ކުއްލި ގޮތަކަށް ވަކިވީ އެވެ.
ތ. މަޑިފުއްޓަށް ނިސްބަތްވާ އެއް އާއިލާއެއްގެ ދެ މީހަކު މި މަރުވީ ހަމަ އެންމެ ތިން ދުވަހުގެ ތެރޭގަ އެވެ.
އުމުރުން 45 އަހަރުގެ އަހުމަދު ޝާނީޒް، ލޭގެ ކެންސަރާ ހަނގުރާމަކުރާތާ އަހަރު ދުވަސްވެއްޖެ އެވެ. ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯދި ނަމަވެސް އޭނާގެ ހާލަތަކަށް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ރަށުގައި ދޯނި ދުއްވައި، އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ޝާނީޒްގެ ހާލަތު ފަހުން މާބޮޑަށް ގޯސްވެ، ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ.
އެއާ އެކު މަޑިފުށީގައި ތިބި އާއިލާގެ ގިނަ ބަޔަކު ވެސް، އޭނާއަށް އަލްވަދާއު ކިޔުމަށް މާލެ އައެވެ. ކެންސަރު ބަލީގައި ޝާނީޒް ވަކިވީ ހުކުރު ދުވަހުގެ ރެ އެވެ.
އާއިލާގެ މެމްބަރުގެ ޖަނާޒާއަށް ފަހު، މާލެ ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ދެން އުޅުނީ އެނބުރި ރަށަށް ދާށެވެ. އެ މީހުންނާ ބައްދަލުވެ، ސަލާމްގަލާމް ކުރުމުގައި، ޝާނީޒަށް ބޮޑުބޭބެ ކިޔާ މުހައްމަދު ހޫދު ވެސް އުޅުނެވެ. އެކަމަކު ގޭގެ މީހުންނަށް ނުފުރި އުޅުނިކޮށް ދެން ލިބުނީ ކުއްލި ގޮތަކަށް، އިއްޔެ މެންދުރުފަހު، އުމުރުން 24 އަހަރުގެ ހޫދު ވެސް ވަކިވި ހަބަރެވެ.
"ހެނދުނު ވެސް ހޭލާ އުޅުނު. އާއްމުކޮށް މެންދުުރު އޭނާ ނިދާކަމަށްވޭ. އެގޮތަށް ނިދަން އޮތް މީހާ ނުހޭލައިގެން ގޮސް ބެލި އިރު މަރުވެފައި އޮތީ،" އެ އާއިލާއަށް ނިސްބަތްވާ އަދިި މަޑިފުށީ ކައުންސިލް މެމްބަރު ހައްވާ ނަޒްލާ ވިދާޅުވި އެވެ.
ޝާނީޒަކީ ހޫދުގެ މަންމަގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. ޝާނީޒުގެ ޖަނާޒާއަށް ހޫދު ވެސް ދިޔަ އެވެ. އެހެންވެ، އާއިލާގެ ދެ މެމްބަރުން އެހާ ގާތްގާތުގައި ވަކިވެގެން ދިޔުމުން އާއިލާއަށް ލިބިފައިވަނީ ބޮޑު ހިތާމަ އެކެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ހޫދަކީ މީގެ ކުރިން މާބޮޑަށް ބަލިވެ އުޅުނު ޒުވާނެއް ނޫނެވެ. ފަހުން އެނގުނު ގޮތުގައި މަރުވި ދުވަހުގެ ކުރީ ރޭ އޭނާ ކޮންމެވެސް ވަރަކަށް ހުން އައެވެ. އެކަމަކު މާބޮޑަށް ހާލަތު ގޯސްނުވާތީއާ އެކު މަރާ އެކަން ގުޅުވާލާކަށް އާއިލާއަކަށް ނޭނގުނެވެ. އާއިލާއިން ނިންމީ ކުއްލި ގޮތަކަށް ވަކިވީ ކަމަށެވެ.
"މިއީ މުޅި އާއިލާއަށް ވެސް ރަށަށް ވެސް ލިބުނީ ކުއްލި ސިހުމެއް. ޝާނީޒްގެ މަރާ ގުޅިގެން މުޅި ރަށް ހިތާމައިގައި އޮއްވާ ދެން މި ލިބުނީ ހޫދުގެ މަރުގެ ހަބަރު،" ނަޒްލާ ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޝާނީޒް ވަޅުލި އިރު، އޭނާގެ މަހާނައާ މާދުރު ނޫން ހިސާބެއްގައި ހޫދު ވަޅުލީ ރޭ 11:30ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ