ފެނަކަ ހިޔާނާތުގައި ޝާމިލުވާ 13 އިސް މުވައްޒަފެއްގެ ނަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

ކުރީގެ ސަރުކާރުގައި ފެނަކަ ކުންފުނިން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލާގައި ޝާމިލުވާ، ފެނަަކައިގެ ޕްރޮޖެކްޓް އަދި ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ އިސްވެރިންގެ 13 ބޭފުޅެއްގެ ނަން، މި މައްސަލަ ބަލަން އުފެއްދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަށް އެ ކުންފުނިން މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ މައްސަލަަތައް ބަލަން އުފެއްދި ސަބްކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވީ، އެ ކޮމިޓީއަށް މުގައްރިރަކާއި ނައިބަކު ހޮވުމާ އެކު، ފެނަކައިގެ މައްސަަލަތަކާ ގުޅޭ ތިން ރިޕޯޓެއްް ދިރާސާކުރުމަށެވެ. މި ކޮމިޓީން ދިރާސާކުރަނީ:
ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު؛ މިއީ މުވައްޒަފުން ރެކުރޫޓުކުރުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލުގެ އޮފީހުން މިދިޔަ 12 މޭގައި ނެރުނު ރިޕޯޓެއް
މުދަލާ ހިދުމަތް ހޯދުމާ ގުޅޭ ރިޕޯޓު؛ މިއީ އޮޑިޓާ ޖެނަރަލުގެ އޮފީހުން މިދިޔަ މަހުގެ 25ގައި ނެރެފައިވާ ރިޕޯޓެއް
އައްޑޫގައި ހިންގާ ފެނަކައިގެ ބްރާންޗުތަކާއި މަޝްރޫއުތަކާގުޅޭ ހާއްސަ ރިޕޯޓު؛ މިއީ އޮޑިޓާ ޖެނަރަލުގެ އޮފީހުން މިދިޔަ 7 މޭގައި ނެރެފައިވާ ރިޕޯޓެއް
ތަފްސީލް - މި ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގި މުވައްޒަފުން ވަކިކުރަން އޮޑިޓް ރިޕޯޓުގައި އަންގާފައިވާތީ، އެ މުވައްޒަފުންގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން، ފެނަކައަށް ދީފައިވާ ސުންގަނޑި އިއްޔެ 12 ޖެހިއިރު ހަމަވެފައިވާ ކަމަށެވެ.
އެ މުވައްޒަފުންގެ މައުލޫމާތު ފެނަކައިން ފޮނުވާފައިވަނީ މިއަދު ހެނދުނު ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ނާޒިމް ވިދާޅުވީ:
އެކަމުގައި ޝާމިލުވާ ފެނަަކައިގެ ޕްރޮޖެކްޓް އަދި ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ އިސްވެރިންގެ 13 ބޭފުޅެއްގެ ނަން ފޮނުވާފައިވޭ
އެ ޑިޕާޓުމަންޓުތަކުގައި ވަޒީފާ އަދާކުރާ، އެކަމުގައި ޝާމިލުވާ އިތުރު ދާއިމީ މުވައްޒަފުންނާއި ކޮންޓްރެކްޓު މުވައްޒަފުން ވެސް ހިމެނޭ؛ ޕްރޮޖެކްޓު ޑިޕާޓުމަންޓުގައި މިކަމުގައި ޝާމިލުވާ 19 މުވައްޒަފުން އެބަތިބި
މީގެ ތެރެއިން 65 މުވައްޒަފަކު 2021 އާއި 2023އާ ދެމެދު ފެނަކައިން ވަކިކޮށްފައިވޭ
"އެހެންވީމާ އަޅުގަނޑުމެންނަށް 13 މުވައްޒަފެއްގެ ނަން މިވަނީ ލިބިފައި ހެޑް އޮފް ޑިޕާޓުމަންޓުގެ ގޮތުގައި މި މައްސަލަތަކުގައި ޝާމިލުވާ ކަމަށް. އެހެންވީމާ ފެނަކައާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅިފައި އޮތް ގަރާރުގައި އިއްޔެ ކޮމިޓީން ނިންމާފައި އޮތް ގޮތަށް މީގައި ހިމަނާނަން،" މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވިގޮތުގައި އެ ކޮމިޓީން މަސައްކަތްކުރަންވީ:
ނޮވެމްބަރަށް މަޖިލިސް ޗުއްޓީއަށްދާއިރު، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ޕްރިލިމިނަރީ ރިޕޯޓެއް ނެރެން 
އޭގެ ކުރިން ގޯސްކޮށް ހުރި ކަންކަން ފާހަގަކޮށް، ރަނގަޅުކުރަންވީ ކަންކަން ފެނަކައަށް އަންގަން 
އޭރުން އިސްލާހީ ފިޔަވަޅު އަޅަން ފެނަކައަށް ދެ މަސް ދުވަސް ލިބޭނެ 
ފެބްރުއަރީ މަހު އަލުން މަޖިލީހުގެ މަސައްކަތްތައް ފަށުމުން، އެ ކޮމިޓީން ދެން މަސައްކަތް ފަށާނީ ރިޕޯޓުގައި ހުރި ކަންކަން އިތުރަށް ތަފްސީލީގޮތެއްގައި ބަލަން
ތަފްސީލުކޮށް ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ލޭޔާކޮށްގެން ވައްކަން ކޮށްފަހުރި މައްސަލަ ހިމެނޭ 
އެގޮތުން ފެނަކައިގެ ފައިސާ ބޭނުންކޮށްގެން އުފަންކޮށްފައިވާ ވިޔަފާރިތަކާއި މުދަލުގެ މައުލޫމާތު ލިިބިފައި އެބަހުރި
"އެގޮތުން ގދ. ރަށެއްގައި އިމާރާތްކުރަމުންދާ އިމާރާތެއްގެ މައުލޫމާތު ވެސް އެބަހުރި. އެއީ ފެނަކައިގައި މަސައްކަތްކުރާ މުވައްޒަފެއްގެ އިމާރާތެއް. ތުހުމަތުކުރަނީ އެއީ ފެނަކައިގެ ފައިސާއިން ކުރާ ކަމެއް ކަމަށް. އެހެންވީމާ އެ ހުރީ އެސެޓެއް ފެންނަން. ދެން ހަަމަ އެއާ އެކު 6 މިލިއަން ރުފިޔާގެ ބޯޓެއްގެ މައުލޫމާތު ވެސް އެބައޮތް ލިބިފައި. އެއީ ފެނަކައިގެ ފައިސާއިން ހޯދާފަ ހުރި އެއްޗެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އެކަމަކު އެ އެއްޗެހީގެ ފަހަތުން ކޮމިޓީން ދަންޏާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށާއި އެއީ ތަހުގީީގީ އިދާރާތަކުން ބަލަންޖެހޭ ކަންކަން ކަމަށް ދެކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. މިހާރު ވެސް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެކަމާ ގުޅޭ ތަހުގީގެއް ފަށަން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން، އެ ކޮމިޓީން ކުރާނެ ކަމަކީ އެ ރިޕޯޓުތައް ދިރާސާކޮށް، އަންގަންޖެހޭ ކަންކަން އެކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެކަމަކު މިއަދުގެ ބައްދަލުވުމަކީ ކޮމިޓީއަށް މުގައްރިރުން އައްޔަންކުރަން ބޭއްވި ބައްދަލުވުމަކަށް ވުމުން، އެ ރިޕޯޓުތަކާމެދު އިތުރަށް މަޝްވަރާކޮށް ވާހަކަދައްކަނީ ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކަމަށް ވިދާޅުވެ، މިއަދުގެ ބައްދަލުވުން ނިންމާލީ އެވެ. 
އެނގުން މުހިންމު - ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ އާންމުކޮށްފަ އެވެ. އެ މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އޮތީ އަންގަވާފަ އެވެ. އަދި، އެ ތަހުގީގު އަވަސްކޮށްދިނުމަށް އޭސީސީގައި ޕީޖީން އޮތީ އެދިފަ އެވެ. އެ ހިޔާނާތުން މަންފާ ލިބުނު އާންމުން ހޯދަން ވެސް ފުލުހުންނާއި އޭސީސީއަށް ޕީޖީން ވަނީ އަންގާފަ އެވެ.
ފެނަކައިން 2021އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ
ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން
ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ
އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ