އަންނަ އަހަރު ބަނގުލާދޭޝްގައި ބާއްވާ އާންމު އިންތިހާބުގައި އަވާމީ ލީގް ބައިވެރިވުން މަނާކޮށްފައިވާތީ އެ ޕާޓީގެ އެތައް މިލިއަން ސަޕޯޓަރުން އެ އިންތިހާބު ބޮއިކަޓް ކުރާނެ ކަމަށް އިންޑިއާގައި ފިއްލަވައިގެން ހުންނެވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ ވިދާޅުވެއްޖެ އެވެ.
ހަސީނާ،78، ވިދާޅުވީ އޭނާގެ ޕާޓީއަށް ބައިވެރިނުވޭ އިންތިހާބަކަށް ފަހު އުފެދޭ ސަރުކާރެއް ހިނގަމުން އަންނަ ދުވަސްވަރެއްގައި އޭނާ އެނބުރި ބަނގުލާދޭޝްއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ހަސީނާ ފިއްލަވައިގެން 2024 ވަނަ އަހަރު އިންޑިއާއަށް ވަޑައިގެންނެވީ ކިޔަވާކުދިން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.
ބަންގްލަދޭޝްގައި މިހާރު ވަގުތީ ސަރުކާރެއް ހިންގަވަނީ ސުލްހައިގެ އިނާމު ހާސިލުކުރައްވައިގެން ހުންނެވި މުހައްމަދު ޔޫނުސް އެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އާންމު އިންތިހާބު ބާއްވާނެ ކަމަށެވެ.
"ހަމަ އެކަނި އަވާމީ ލީގަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމުމަކީ ބޭއިންސާފެއް. އަދި އެއީ އޭގެ ޒާތުގައި ބަލިވުން،" ހަސީނާ ރޮއިޓާސްއަށް އީމެއިލު މެދުވެރިކޮށް ވިދާޅުވި އެވެ.
"ދެން އަންނަ ސަރުކާރެއް އިންތިހާބު ކުރަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތީން. އަވާމީ ލީގަށް ތާއީދު ކުރާ އެތައް މިލިއަން ބަޔަކު ތިބޭ އިރު އެ އުސޫލުން ބާއްވާ އިންތިހާބެއްގައި އަވާމީ ލީގް ބައިވެރިއެއް ނުވާނެ. ސިޔާސީ ނިޒާމެއް ހިންގަން ބޭނުން ނަމަ އެތައް މިލިއަން ބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަނެވިގެން ނުވާނެ،" ހަސީނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 126 މިލިއަނަށް ވުރެ ގިނަ އެވެ. އަވާމީ ލީގާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަކީ ޒަމާނުއްސުރެ އެ ގައުމުގެ ސިޔާސީ މައިދާނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ޕާޓީ އެވެ. އަދި ކުރިއަށް އޮތް އިންތިހާބު ބީއެންޕީ އިން ކާމިޔާބު ހޯދާނެ ކަމަށް ވަރަށް ޔަގީން ކަމާ އެކު ގަބޫލު ކުރެވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އާވާމީ ލީގްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކޮށްފަ އެވެ. މީގެ ކުރިން ޔޫނުސްގެ ސަރުކާރުން ވަނީ ޕާޓީތަކުގެ ހުރިހާ ހަރަކާތެއް ހިންގުން މަނާކޮށްފަ އެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ އަވާމީ ލީގްގެ ސަޕޯޓަރުންނަށް އެހެން ޕާޓީތަކަށް ތާއީދު ނުކުރުމަށް،" ހަސީނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި ވެސް އުންމީދު ކުރަނީ ހަގީގަތް ގަބޫލުކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް." ހަސީނާ ވިދާޅުވި އެވެ.
ގިނަ ބަޔަކު އިންތިހާބު ބޮއިކޮޓް ކޮށްފާނެ ކަމުގެ އިންޒާރު ހަސީނާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ