މަނީ ލޯންޑަރިން ފަދަ މާލީ ކުށްތައް ޕްރޮސެކިއުޓުކުރުމުގެ ތަމްރީނު ހޯދަން ޗައިނާއާ މަޝްވަރާކޮށްފި
މަނީ ލޯންޑަރިން ފަދަ މާލީ ކުށްތައް ޕްރޮސެކިއުޓުކުރުމުގެ ތަމްރީނު ހޯދަން, ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން، ޗައިނާގެ ޕްރޮސެކިއުޓަލް ޒިންމާތައް އަދާކުރާ އެންމެ އިސް އިދާރާ ކަމަށްވާ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓާއެކު މަޝްވަރާކޮށްފިއެވެ. ޕީޖީ އޮފީހުން ބުނީ، ޗައިނާގެ ވަފުދެއް ރާއްޖެ އައީ ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފްގެ ދައުވަތަކަށް ކަމަށެވެ. އެ އޮފީހުން މިއަދު ހޮޓެލް ޖެންގެ ބޯލްރޫމްގައި ވަފުދާ ބައްދަލުކޮށްފައިވާއިރު، އެ ވަފުދުގައި އިސްކޮށް ހުންނެވީ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓުގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގް އެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓުގެ ވަފުދާ އެކު ރާއްޖޭގެ ޕީޖީ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި އެ އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްގީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. https://x.com/PGO_MV/status/1983431320140464185 އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގްރޭޓްކޮށް އެ އިސްޓަމަށް ފައިލިން ނިޒާމެއް ގާއިމްކުރުމާއި، ޕީޖީ އޮފީސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މީގެ އިތުރުން، ސައިބަކްރައިމްއާއި، މަނީ ލޯންޑަރިން ފަދަ މާލީ ކުށްތައް ތަހުގީގުކުރުމާއި، އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ތަމްރީނު ދިނުމާ މެދުގައިވެސް މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި އައްބާސްގެ އިތުރުން ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަހްމޫދު ސަލީމާއި ދެ އެސިސްޓެންޓް ޕްރޮސެކިއުޓަރުންނާއި ފަސް ޕަބްލިކް ޕްރޮސެކިއުޓަރަކު ބައިވެރިވެވަޑައިގަތެވެ. އެއީ: އެސިސްޓެންޓް ޕްރޮސެކިއުޓަރު ޖެނެރަލް މަރްޔަމް ފެޒްލީން އެސިސްޓެންޓް ޕްރޮސެކިއުޓަރު ޖެނެރަލް ޝަމްރާ ޝަމީމް ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޑިރެކްޓަ އިންޓަނޭޝަނަލް އެފެއާޒް ނީޝާން ވަހީދު ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޑިރެކްޓަ ޕްރޮސެކިއުޓަރު ޖެނެރަލްސް އެކެޑަމީ އަހްމަދު ނައުފަލް ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޑިރެކްޓަ މީޑިއާ އެންޑް ކޮމިޔުނިކޭޝަން އަޙްމަދު ޝަފީޢު ޕަބްލިކް ޕްރޮސެކިއުޓަރު އަޙްމަދު ނައުޝާދު ޕަބްލިކް ޕްރޮސެކިއުޓަރު މަރްޔަމް ލުއްމަ އަބްދުލްހައްނާން ޕީޖީ އޮފީހުން ބުނީ، ޗައިނާގެ ވަފުދުގައި، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްގެ އިތުރުން، އެ ގައުމުގެ އެކި ސްޓޭޓްތަކުގެ ޑެޕިއުޓީ ޗީފް ޕްރޮސެކިއުޓަރުންނާއި އިސްވެރިންގެ އިތުރުން ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަޝްހޫރު ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެ ވަޑައިގެންފައި މިވަނީ ފުރަތަމަ ފަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ