ޖޭއެސްސީގެ ރައީސްކަމަށް އެމްޕީ ހުސްނީ އިންތިހާބުކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި މިއަދު އައްޔަންކުރި، މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރަކް އެ ކޮމިޝަނުގެ ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ކޮމިޝަނުގައި މާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.  
އެހެންވެ ކޮމިޝަނުގައި އިންނަވާ މަޖިލިސް މެންބަރުގެ މަގާމު ވެސް ހުސްވުމުން އިއްޔެ މަޖިލީހުގައި ނެގި ވޯޓަކުން އެ މަގާމަށް ހުސްނީ އައްޔަންކުރުމަށް ފާސްކުރުމުން މިއަދު ރައީސް މުހައްމަދު މުއިއްޒު ވަނީ ހުސްނީ ޖޭއެސްސީއަށް އައްޔަންކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - ޖޭއެސްސީން މިރޭ ބުނީ މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމެއްގައި ނެގި ވޯޓަކުން ކޮމިޝަނުގެ ރައީސްކަމަށް ހުސްނީ އިންތިހާބުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ވޯޓުގެ އެއްވެސް ތަފުސީލެއް، ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިއުމަކު ނެތެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ ހަފުތާ އަންގާރަ ދުވަހު ވަނީ ކޮމިޝަނުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ނަމަވެސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާއެއް ނުދެއްވަ އެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަނުގައި އިންނަވާ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު މިދިޔަ ހަފުތާ ބުދަ ދުވަހު އިންތިހާބުކޮށްފަ އެވެ.
ގުޅުން ހުރި - ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ލިބިއްޖެނަމަ ޖޭއެސްސީއާއި ޖުޑީޝަރީގެ ކޮންޓްރޯލް ހޯދެ އެވެ. މިހާރު ކޮމިޝަނުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އެވެ.
ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ:
ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ
ވަޒީރުންގެ މަޖިލީހުގައި އިންނަވާ ބަންޑާރަ ނައިބު އަހުމަދު އުޝާމް
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު
މަޖިލީހުން ކޮމިޝަނަށް ކަނޑައަޅާ އާންމުންގެ މެންބަރު އިދުރީސް ފައުޒީ
ގާނޫނީ ވަކީލުން އިންތިހާބުކުރާ މެންބަރު އަލީ އަބްދުއްލަތީފް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ