ލިޔުމުން އެޕް އުފެއްދޭ ފީޗާއެއް ކޯޕައިލެޓަށް ތައާރަފުކޮށްފި

ލިޔުމުން އިރުޝާދު ދީގެން އެޕް ހަދާނެ އާ އެޖެންޓެއް ނުވަތަ ފީޗާއެއް ކޯޕައިލެޓަށް ތައާރަފުކޮށްފިއެވެ. މި އާ ފީޗާއާއި އެކު މައިކްރޮސޮފްޓުން ވަނީ އެކުންފުނީގެ މައިކްރޮސޮފްޓް 365 ކޯޕައިލެޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ އާ ދެ އެޖެންޓެއް ތަޢާރަފުކޮށްފައެވެ. މިކަމުގެ ސަބަބުން، ބޭނުންކުރާ ފަރާތްތަކަށް ލިޔުމުން ދޭ އިރުޝާދެއްގެ އެހީގައި ފުރިހަމަ އެޕްލިކޭޝަންތައް އުފެއްދުމާއި، އެކި މަސައްކަތްތައް އޮޓޮމޭޓްކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ކޯޕައިލެޓް މަސައްކަތްުރާނީ މައިކްރޯސޮފްޓްގެ އެހެން ޕްލެޓްފޯމްތަކަށް އިންޓަގްރޭޓްވެގެން -- މި އާ އެޖެންޓްތައް މިވަގުތު ލިބެން ހުންނާނީ މައިކްރޮސޮފްޓްގެ ފްރޮންޓިއާ ޕްރޮގްރާމްގައި ބައިވެރިވާ ކޯޕައިލެޓް ސަބްސްކްރައިބަރުންނަށެވެ. އަލަށް ތަޢާރަފުކުރި "އެޕް ބިލްޑާ" އެޖެންޓަކީ ކޯޑިންއަށް ބޭނުން ނުޖެހި، ހަމައެކަނި ލިޔުމުން ދޭ އިރުޝާދުތަކަށް ބިނާކޮށް އެޕްލިކޭޝަންތައް އުފައްދައިދޭ ވަސީލަތެކެވެ. އެޕް އުފެއްދުމަށްފަހުވެސް އިތުރު އިރުޝާދުތައް ދީގެން އެޕްގައި ބަދަލުތައް ގެނެވި، އިތުރަށް ތަރައްޤީ ވެސް ކުރެވޭނެއެވެ. މި އެޖެންޓް މެދުވެރިކޮށް ޑޭޝްބޯޑުތަކާއި، ޗާޓުތަކާއި، އަދި ކަލްކިއުލޭޓަރު ފަދަ އިންޓަރެކްޓިވް ބައިތައްވެސް އެޕްތަކަށް އިތުރުކުރެވެއެވެ. މީގެ އިތުރުން، އުފައްދާ އެޕްތަކަށް ވަކި ޑޭޓާބޭސްއެއް ބޭނުންނުވާއިރު، ޑޭޓާ ރައްކާކުރުމަށް ބޭނުންކުރަނީ މައިކްރޮސޮފްޓް ލިސްޓްސްއެވެ. ދެވަނަ އެޖެންޓް، "ވޯކްފްލޯސް" އަކީ ދުވަހުގެ މަސައްކަތްތައް އޮޓޮމޭޓްކޮށްދިނުމަށް ޚާއްސަކޮށްފައިވާ އެއްޗެކެވެ. އާދައިގެ ލިޔުމުން ދޭ ކޮމާންޑެއްގެ އެހީގައި އީމެއިލް ފޮނުވުން، ރިމައިންޑަރުތައް ހެދުން، ކަލަންޑަރުގައި ބައްދަލުވުންތައް އަތުރާލުން، އަދި ޓީމް އަޕްޑޭޓްތައް ހިއްސާކުރުން ފަދަ ކަންކަން ވަރަށް ފަސޭހައިން އޮޓޮމޭޓްކޮށްލެވޭނެއެވެ. މި އެޖެންޓް މަސައްކަތްކުރަނީ އައުޓްލުކް، ޓީމްސް، އަދި ޝެއާޕޮއިންޓް ފަދަ މައިކްރޮސޮފްޓްގެ އެހެނިހެން ޚިދުމަތްތަކާ ގުޅިގެންނެވެ. މި އާ އެޖެންޓްތަކަކީ އޭއައި ޓެކްނޮލޮޖީގެ ދާއިރާއިން މައިކްރޮސޮފްޓުން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން، ކޯޑިންގެ ހުނަރު ނެތް އާންމު ފަރާތްތަކަށްވެސް އެމީހުންގެ އަމިއްލަ އެޕްލިކޭޝަންތައް އުފައްދައި، މަސައްކަތްތައް ފަސޭހަކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ. މިފަދަ އޭއައި އެޖެންޓްތައް ތަޢާރަފުކުރުމަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު ހިނގަމުންދާ ބޮޑު ބަދަލެއްގެ ތެރެއިން އައި ކަމެކެވެ. ކޯޑިންގއަށް އަހުލުވެރި ނޫން އާންމު ފަރާތްތަކަށް އެޕްލިކޭޝަން އުފެއްދުމުގެ ފުރުޞަތު ފަހިކޮށްދޭ "ނޯ-ކޯޑް" އަދި "ލޯ-ކޯޑް" ޕްލެޓްފޯމްތަކަށް އޮތް ޑިމާންޑް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑުވެފައެވެ. މައިކްރޮސޮފްޓުން ކޯޕައިލެޓްގެ ޒަރީއާއިން މިކުރާ މަސައްކަތަކީ، އެފަދަ ޕްލެޓްފޯމްތައް އާންމު ލިޔުމުން ކޮންޓްރޯލް ކުރެވޭ ހިސާބަށް ގެނައުމެވެ. މިކަމުގެ ފަހަތުގައިވާ މައިގަނޑު ފަލްސަފާއަކީ، ކޮންމެ މީހަކީވެސް "ޑިވެލޮޕަރަކަށް" ހެދުމާއި، އޮފީސްތަކުގެ މަސައްކަތްތައް ހަލުވިކޮށް، އުފެއްދުންތެރިކަން އިތުރުކުރުމެވެ. މިއީ ގޫގުލް އަދި އެހެނިހެން ޓެކް ކުންފުނިތަކާ ވާދަކޮށް، އޭއައިގެ މައިދާނުގައި ކުރި ހޯދުމަށް މައިކްރޮސޮފްޓުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ