ދައުވާ ރައްދުވާ ފަރާތާ އަދާވާތްތެރިކަމެއް އޮންނަ އަދި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ޝަރީއަތަށް ނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް އެވެ.
ތަފްސީލު - ޖުމްލަ 71 ސަފްހާގެ މި ބިލުގައި ގާނޫނުގައި ހުރި ބައެއް މާއްދާތައް އުވާލުމަށް ހިމަނާފައިވެ އެވެ.
އުވާލަން ހުށަހަޅާ އެއް މާއްދާއަކީ، 51 ވަނަ މާއްދާގައި ބަޔާން ކުރާ ހެކި ބަސް ނަގައިގެން ނުވާނެ ހާލަތްތަކާ ގުޅޭ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ:
ހެކި ބަސް ދޭ މީހާ އަކީ މައްސަލައިގެ ހަސްމަކާ 'ފުށުއަރާ މަސްލަހަތެއް އޮތް' ނުވަތަ ނުވަތަ މައްސަލައިގެ ހަސްމަކާ 'އަދާވާތްތެރިކަމެއް އޮތް' މީހަކުކަމުގައިވާ ނަމަ، އެ މައްސަލައެއްގައި އެމީހެއްގެ ހެކި ބަސް ނަގައިގެން ނުވާނެ
އެ މާއްދާ އުވާލުމުން ނުކުންނާނެ ނަތީޖާއެއް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި:
ބިލު ގާނޫނަކަށްވުމާ އެކު މައްސަލައެއްގައި ހިމެނޭ މިހަކާ މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވާތްތެރިންގެ ހެކިބަސް ވެސް ދެން ޝަރީއަތަށް ނެގޭނެ
"އެފަދަ ހެއްކެއް ޝަރީއަތަށް ނެގި ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އެފަދަ ހެކިންނަށް ދޭނީ ކިހާ ބުރަދަނެއްތޯ ނުވަތަ ނޫންތޯ ނިންމާނީ. އެ ހެއްކަށް ބާރު ދޭ، ގުޅުވާލެވޭ އެހެން ކަންކަން ހުރިތޯ ނެތްތޯ ބެލުން،" ވަކީލަކު ވިދާޅުވި އެވެ.
ގާނޫނުގެ 110 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ހެކިންގެ އަދުވެލުވެރިކަމާ ގުޅޭ މާއްދާއެއް އިތުރުކުރަން ބިލުގައި ހިމަނާފައިވެ އެވެ. އެ މާއްދާގައި ބުނަނީ:
ހެކިބަސްދޭ ފަރާތް އެގްޒަމިން ކުރުމުގެ މަރުހަލާގައި ނުވަތަ ކުރޮސް-އެގްޒަމިން ކުރުމުގެ މަރުހަލާގައި ނުވަތަ ރީ-އެގްޒަމިންކުރުމުގެ މަރުހަލާގައި މި މާއްދާގެ ދަށުން އެ ފަރާތުގެ އަދުލުވެރިކަމާމެދު ސުވާލު އުފެއްދި ދާނެ ކަމަށް
މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވާތްތެރި ހެކިން ބަލާނެ މިންގަނޑެއް ނޯވެ އެވެ. އަދި ފަނޑިޔާރު އެކަން ވަޒަން ކުރާނީ ކިހިނެއްތޯ ނޯވެ އެވެ. އެކަން މިހާރުއޮތް ގާނޫނުގައިވެސް އަދި މި ބިލުގައިވެސް ނެތެވެ.
މި ބިލުގައި ދެން އުވާލާ މާއްދާއަކަށް އޮތީ، 75 ވަނަ މާއްދާގައި ބަޔާން ކުރާ މަރު ބަލީގައިވާ މީހަކު ވާ އިގުރާރު ކޯޓަށް ބަލައިގަތުމާ ގުޅޭ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ:
އެހެން މީހެއްގެ ހައްގަކާ ބެހޭ ގޮތުން މަރު ބަލީގައިވާ މީހަކުވާ އިގުރާރަކީ، ސައްހަ އިގުރާރެއްކަމުގައި ބެލޭނެ ކަމަށް
އެ މާއްދާ އުވާލުމުން، މަރު ބަލީގައި ދޭ އިގުރާރު ކޯޓަށް ބަލައިނުގެނެވޭނެ އެވެ.
އަދާވާތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކި ބަސް ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ