މެޑަމް ސާޖިދާއާ ދެކޮޅަށް މަންދީ ހުށަހެޅި މައްސަލަ ބާތިލުކޮށްފި
ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، އަރައިގަތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރިވިއުކޮށްދޭން މަންދީގެ ފަރާތުން ހުށަހެޅި މައްސަލައަށް، މަންދީގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުން، މައްސަލަ ބާތިލުކޮށްފިއެވެ. މިއީ، އެމްޑީޕީގެ އިސް އެކްޓްވިސްޓް މަންދީއާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ރައީސްގެ ދެކަނބަލުންގެ ދަރިކަލުންގެ ކަރާމާތަށް މަންދީ އަރައިގަތް ކަމަށް މަންދީގެ ޣައިރު ހާޒިރުގައި އެ ކޯޓުން ނިންމުމުން، އެ ނިންމުން ރިވިއުކޮށްދޭން މަންދީ އަލުން ހުށަހެޅި މައްސަލައެވެ. މި މައްސަލަ، ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފު މިއަދު ބާތިލުކުރީ، މި މައްސަލައިގައި މަންދީ އައްޔަން ކުރި ވަކީލުން މިއަދު ކޯޓަށް ހާޒިރުނުވުމުން ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިދިޔަ ޖުލައި މަހު ނިމުނު، މި ކޭސްގެ މައުލޫއީ މައްސަލައަކީ، އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ދައުވާ ކުރެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާއެވެ. އެ ދައުވާއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށެވެ. ޣައިރު ހާޒިރުގައި ކުރި ހުކުމް އަލުން ރިވިއުކޮށްދޭން މަންދީ އެދުނު މައްސަލަ ބާތިލުކުރި ރިޕޯޓުގައި، ކޯޓަށް ހާޒިރުވާން އަންގާފައި އޮތްނަމަވެސް ކޯޓަށް ހާޒިރު ނުވާކަން ފާހަގަކޮށް މައްސަލަ ބާތިލުކުރީ، ކޯޓަށް ހާޒިރު ނުވިތާގައި، ހާޒިރު ނުވި މަގުބޫލު ސަބަބެއްވެސް އަންގާފައިނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ