އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތެއް ކުރަމުން އަންނައިރު، މިހާރުވެސް ލޯޑުމަތިވާ ގަޑިތަކުގައި އެ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ސިޓީގެ ރައްޔިތުން ގޮވާލަމުން އަންނައިރު މި މައްސަލަ ހައްލުކުރުމަށް އިއްޔެ އެ ސިޓީއަށްވަނީ އަލަށް 3 ޖަނަރޭޓަރު ގެންގޮސްފައެވެ. އެއީ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރާއި 1.6 މެގަވޮޓުގެ ޖަނަރޭޓަރެކެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަންނަ ހަފްތާގެ ތެރޭގައި އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފަށާނެކަން ހާމަކޮށް ނަޖާހު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވި ކަރަންޓު ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ނަޖާހު ވިދާޅުވީ އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެނައުމަށް ޓެންޑަރަށް ލާފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ނަޖާހު ވަނީ ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު އެކަށީގެންވާ ގޮތުގައި ފޯރުކޮށް ދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އައްޑޫއަށް އަލަށް ގެންދިޔަ 2 ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ