ދުނިޔޭގެ ބާޒާރުގައި މުދާ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެން، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)އަށް އޮތް އެތެރޭގެ ޑިމާންޑް ފުއްދުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާއިރު، ކައްކާ ގޭސް ލިބުމުގައި ދަތިވެދާނެތީ ބިރުނުގަތުމަށާއި ވީ ވަރަކުން ހަކަތަ އިގްތިސާދު ކުރުމަށް އެ ގައުމުން އާންމުންނަށް އިއްޔެ އިލްތިމާސްކޮށްފި އެވެ.
އެލްޕީޖީ ބޭނުންކުރާ ގާތްގަނޑަކަށް 333 މިލިއަން ގޭބިސީއަށް އިސްކަންދިނުމުގެ ގޮތުން، އެލްޕީޖީ އުފައްދާ މިންވަރު އިތުރުކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ވިއްކާ މިންވަރު މަދުކުރުމަށް ރިފައިނަރީތަކަށް އަމުރުކުރުމަށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ބާރުތަކުގެ ބޭނުން ހިފާފަ އެވެ.
ފެޑަރަލް އޮއިލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާތާ ޝަރުމާ ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި އުފައްދާ އެލްޕީޖީގެ މިންވަރު %25 އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، ބިރުން ތިބެ ގިނަ އަދަދަކަށް ގޭސް ގަތުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
"ބިރުން ތިބެ ގޭސް ބުކްކުރުމާއި ގުދަންކުރުމުގެ އާދަ އަށަގަނެފައިވަނީ ފެތުރިފައިވާ ދޮގު މައުލޫމާތުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
މުދާ ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދާއި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެންނެވެ. މީގެ ސަބަބުން އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލާއި އެލްޕީޖީ އަދި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)އަށް ވަނީ އަސަރުކޮށްފަ އެވެ.
އިންޑިއާއިން އަހަރަކު ގާތްގަނޑަކަށް 33.15 މިލިއަން ޓަނުގެ ކައްކާ ގޭސް ބޭނުންކުރާއިރު، މީގެ ތެރެއިން ގާތްގަނޑަކަށް %60 އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. މީގެ ތެރެއިން ގިނަ މިންވަރެއް ލިބެނީ މެދުއިރުމަތިންނެވެ.
އެލްއެންޖީ އެތެރެކުރުމަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. މުދާ ފޯރުކޮށްދިނުމުގެ ދަތިތަކާއި ގަތަރުން ކޮންޓްރޯލުން ބޭރު ހާލަތެއް މެދުވެރިވެފައިވާކަން އިއުލާނުކުރުމާ ގުޅިގެން ދުވާލަކު 47.4 މިލިއަން ސްޓޭންޑަޑް ކިއުބިކް މީޓަރުގެ ގޭހަށް ވަނީ އަސަރުކޮށްފަ އެވެ.
ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ މާ މުހިންމު ނޫން ދާއިރާތަކަށް ދޫކުރާ ގޭސް، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ފަރާތްތަކަށް ބަދަލުކުރަން ފަށާފަ އެވެ. އަދި ހަކަތަ ހޯދާނެ އިތުރު ގޮތްތައް ވެސް ދަނީ ކަށަވަރުކުރަމުންނެވެ.
އެލްއެންޖީ އުފުލާ ދެ އުޅަނދެއް މިހާރު ވެސް އިންޑިއާއަށް ދަތުރުކުރަމުންދާއިރު، ވޮޝިންޓަނުން ދީފައިވާ 30 ދުވަހުގެ ވަގުތީ ލުޔަކާ ގުޅިގެން އިންޑިއާގެ ރިފައިނަރީތަކުން ވަނީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އިތުރަށް ގަނެފަ އެވެ.
"މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އިންޑިއާގެ ހަކަތައިގެ ބޭނުންތައް ދަނީ ފުއްދައިދެމުން،" ޝަރުމާ ވިދާޅުވި އެވެ.
ގޭސް ސަޕްލައި ކަށަވަރުކުރަން އިންޑިއާއިން ކުއްލި ބާރުތައް ތަންފީޒު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ