ގެވެށި އަނިޔާއަށްފަހު 5 ދަރިން ބަލަން ޖެހިފައިވަނީ ވީރާނާވެފައިވާ ގެއެއްގައި؛ މި އާއިލާއަށް އެހީވާން ފުރުސަތެއް

ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ އިތުރު އެކަނިވެރި މަޔަކަށް ގެއެއް އަޅައިދޭން މަމްސް އެއިޑުން ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މަމްސްއެއިޑުން ބުނި ގޮތުގައި މި ފަހަރު އެ ޖަމިއްޔާގެ "ހިޔާވެހި ކެންޕެއިން"ގެ ދަށުން ފަންޑްރައިޒްކުރަން ހުޅުވާލާފައި ވަނީ، އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި 2023 ވަނަ އަހަރުން ފެށިގެން ރަޖިސްޓާކޮށް، އެކި ކެންޕެއިންތައް މެދުވެރިކޮށް އެހީ ފޯރުކޮށްދީފައިވާ، ފަސް ކުދިންގެ މަޔަކަށެވެ. މަމްސް އެއިޑުން ވަނީ އެ މަންމަގެ ދިރިއުޅުމުގެ ހާލަތު، ފުލުހުންނާއި ރަށު ކައުންސިލާއި ކޯޓުގެ އިތުރުން ދެ ފަރާތުގެ އާއިލާއާއި ގާތް މީހުންގެ ފަރާތުން ވެރިފައިކުރުމަށްފަހު ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ. މަރީ (އަސްލު ނަމެއް ނޫން) ކުޑައިރުން ފެށިގެން ވެސް ބަލަމުން އައީ އޭނާގެ މަންމަ ހަވާދު ހަދާ، ކުދި ގުޅައާއި އެއްޗެހި ހަދާ، ކުރެވުނު މަސައްކަތެއް ކޮށްގެން ވަރަށް ހާލުގައެވެ. އަދި ތައުލީމު ހާސިލުކުރުމަށް ޓަކައި މާލެ އައި ނަމަވެސް، ހާލަތު ހުރި ގޮތުން ކިޔެވުން ހުއްޓާލަން ޖެހުނެވެ. އޭގެ ފަހުން މާމައަށް ކެންސަރު ޖެހިގެން، ފަރުވާއަށް އިންޑިއާއަށް ދިޔައިރު މަރީ ވެސް ދިޔައެވެ. އެ ގައުމުގައި އުޅެނިކޮށް އޭނާއަށް ވުރެ އުމުރުން 10 އަހަރު ދޮށީ އަހުމަދު (އަސްލު ނަމެއް ނޫން)އާ ދިމާވެ، މާމަ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއްގައި އެހީވިއެވެ. އަހުމަދަކީ ވަރަށް ހެޔޮ މީހެއް ކަމަށް ދެކިގެން، ތިން އަހަރު ފަހުން އެ ދެ މީހުން ކައިވެނިކުރިއެވެ. ނަމަވެސް އަހުމަދުގެ ފަރާތުން މަރީއަށް އިންތިހާއަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާއާ ކުރިމަތިލާން ޖެހުނެވެ. މަރީއަށް ކުރި އަނިޔާތަކުގެ ތެރޭގައި، ހޫނު ކާއެއްޗެހި އަޅައިފައި ހުރި ތަށި ތެރެއަށް ބޯ ކޮށްޕާލުމާއި، އެ ދެ މީހުންގެ ކުޑަ ދަރިފުޅު އުރައިގެން ހުއްޓައި ކޮށްޕާލުން ހިމެނެއެވެ. އަދި ދަރިފުޅަށް ކާން ދޭން ހުއްޓައި، ޑަންބެލްއެއް ހޫރައި، މަރީގެ އުރަމަތީގައި ޖެހިއެވެ. އެ އަނިޔާގެ ސަބަބުން އެތައް ދުވަހެއް ވަންދެން މަރީއަށް ރާއްޖެއާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހުނެވެ. އެއަށްފަހު ވެސް އަހުމަދުގެ އަނިޔާތައް ނުހުއްޓުނެވެ. އަދި އަނިޔާކުރި އެއް ދުވަހު، މަރީގެ ލޮލުން ލޭ އަންނަ ވަރަށް މޫނު މަތީގައި ހުއްޓުމެއް ނެތި ތަޅައި، ވަރިކޮށްފި ކަމަށް ބުނުމަށް ފަހު ގެއިން ނުކުމެގެން ދިޔައީއެވެ. އެވަގުތު އަހަންނަށް އިހުސާސް ކުރެވުނީ އޭނަ އެދަނީ އަހަންނަށް ހަމަ އެކަނި އަނިޔާ ކޮށްފަ ނޫންކަން، އަދި އަހަރެން ވަރިވެސް ކޮށްފަކަން. ބުނަން ނޭންގޭ އިހުސާސެއް ވެގެން ދިޔަ. ކުޑަ ވަގުތު ކޮޅަކަށް އަޅަމުން ދިޔަ ވޭން ވެސް ހުއްޓުނު ކަހަލަ. ލިބުނީ ހިތްވަރެއް. ދަރިފުޅު އުރައިގެން ނިކުމެގެން ދިޔައީ ޖެހިގެން ހުރި ދައްތަގެ ގެއަށް. އަހުމަދުގެ ފަރާތުން ވަރިވުމަށް ފަހު، މަރީ ކުޑަ ދަރިފުޅާއެކު ރަށަށް ބަދަލުވިއެވެ. ނަމަވެސް ދަރިފުޅަކީ ނަފުސާނީ ބަލި ހުންނަ ކުއްޖެއް ކަމުން އެ ކުއްޖާއަށް ހަނގާ ކުރުމާ ކުރިމަތިލާން ޖެހުނެވެ. އަދި ކުއްޖާއަށް ކިޔެވުމުގެ ފުރުސަތު ފަހި ކުރުމަށް ޓަކައި އޭނާ އަނެއްކާވެސް މާލެ ބަދަލުވިއެވެ. އޭގެ ފަހުން މަރީ އިތުރު ކައިވެންޏެއް ކުރިއެވެ. އެ ފިރިހެން މީހާގެ ދެ ފިރިހެން ކުދިން ހުންނައިރު، އެ ދެމަފިރިންނަށް އިތުރު ދެ ކުދިން ލިބުނެވެ. ނަމަވެސް ފިރިމީހާއަކީ ޅައިރު ޓީބީ ޖެހި، އޭރު އެއަށް ރަނގަޅަށް ފަރުވާ ނުކުރެވި ހުރުމެގެ ސަބަބުން ދިގު މުއްދަތަކަށް ފުއްޕާމޭގެ ބައްޔެއް ތަހައްމަލު ކުރާ މީހެކެވެ. އެ ކުޑަ އާއިލާ ފަހުން ބަދަލުވީ، ފިރިމީހާގެ ރަށުގައި ހުންނަ، އޭނާގެ މަންމަގެ ވަރަށް ދުވަސްވީ ގެޔަށެވެ. ވާރޭ ވެހޭ ރެއެއްނަމަ، އެ ގެއަށް ފެން ފައިބާތީވެ ނުނިދައި ތިބެން ޖެހެއެވެ. ބޮޑަށްތިބޭ ދެ ފިރިހެންދަރީން ނިދާތަނުގައި ވައި ދައުރުނުވާތީ، ހޫނު އާތްވެއް ހުރެއެވެ. އަދި ބައެއް ރޭރޭ ތިން ހަތަރު ފަހަރު ފެންވަރަން ޖެހޭއިރު، އެތައް ރެއަކު ހޫނުކަމުން ނުނިދިގެން އެ ކުދީން ރޯކަން މަމްސް އެއިޑުން ވަނީ ފާހަގަކޮށްފައެވެ. މަމްސް އެއިޑުން ހިއްސާކޮށްފައިވާ އެ މަންމަ ދިރިއުޅޭ ގޭގެ ފޮޓޯ-- ފޮޓޯ: މަމްސް އެއިޑް މަމްސް އެއިޑުން ވަނީ އެ މަންމައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކުޑަ ދެކުދީންނަށް ގާތުން ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ކުޑަ ދެކުދީންނަށް ފޯމިއުލާ ދޭންޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް އަތްމަތި ދަތިވެ ޒަރޫރީ ތަކެތި ގަނެވޭނެ ގޮތް ނުވުމުން ފިހާރަތަކުގެ ފޮތުގައި ޖަހައި އެއްޗެހި ނަގާކަން އެ ޖަމިއްޔާއިން ވަނީ ފާޙަގަކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ، އެ މަންމަގެ ދޮށީ ދަރިފުޅަކީ ހަފުތާއެކު އެއް ފަހަރު ތެރަޕީ ނަގަން ޖެހޭ ކުއްޖެއްކަމަށާއި ނަމަވެސް ރަށުން އެކަން ނުކުރެވޭތީ އެންމެ ކައިރިން ހޮސްޕިޓަލް އިންނަ ރަށަށް ޓެސްޓް ހަދަން ދާން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ގަވާއިދުން ދަރިފުޅު ހަދަން ޖެހޭ އެސެސްމެންޓްތައް ވެސް އަތްމަތި ދަތިވެ މާލެއަށް ދެވޭނެ ގޮތެއް ނެތުމުން ނުހެދިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. "އެ މަންމަގެ ދިރިއުޅުމުގެ ހާލަތު މިފަދަގޮތަކަށް ހުރި ނަމަވެސް ހިތްވަރަކަށް ބަދަލެއް ނާންނަކަމަށާއި ކުރީގެ ކައިވެނިން ލިބުނު އަނިޔާތަކާއެކުވެސް ފަސް ދަރީން ގޮވައިގެން، ލިބޭ މިންވަރަށް ފުއްދާލައިގެން އުޅެނީ އަދި މި ނޫން ގޮތެއް ފެންނާނެ ކަމުގެ އުއްމީދުގައި." މަމްސްއެއިޑުން ހިއްސާކޮށްފައިވާ އެ މަންމަގެ ދިރިއުޅުމުގެ ހާލަތު އެ ޖަމިއްޔާއިން ވަނީ ދަނޑިންނާއި ފަނުން ހަދާފައި ހުންނަ ކުޑަކުޑަ ބަދިގެއާއި ގިފިލި ބޭނުންކޮށްގެން މިޒަމާނުގައި އުޅުމަކީ އެހާފަސޭހަކަމެއް ނޫން ކަމަށާއި އެ މަންމަގެ އުންމީދަކީ އޭނާގެ ދެލޮލުގެ ނޫރުކަމުގައިވާ އޭނާގެ ފަސް ފިރިހެންކުދިން ގޮވައިގެން ހަމަޖެހިލައިގެން ދިރިއުޅެވޭވަރުގެ ތަނެއް ހެދޭނެގޮތެއް ވުން ކަމަށް ބުނެފައެވެ. މަމްސް އެއިޑުން ހިއްސާކޮށްފައިވާ އެ މަންމަ ކައްކަމުންދާ ބަދިގޭގެ ފޮޓޯ-- ފޮޓޯ: މަމްސް އެއިޑް އުމުރުން 18 އަހަރުން ދަށުގެއެ ފަސް ކުދިންނަށް ރައްކާތެރި މާހައުލެއްގައި އެކުދިން ބޮޑުކުރަން އެ މަންމަ ބޭނުންވާ ކަމަށާއި، އެ އާއިލާއަށް އުފާވެރި މުސްތަޤުބަލެއް ހޯދައި ދިނުމަށް އެ ޖަމިއްޔާއާއި ގުޅިގެން ޑޮނޭޓްކުރުމަށް އެދިފައެވެ. އެ ޖަމިއްޔާއިން ވަނީ ލާރި ފޮނުވުމަށް ޖަމިއްޔާގެ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓް ހިއްސާކޮށްފައެވެ. އަދި އިތުރު މައުލޫމާތު ހޯއްދުމަށް އެ ޖަމިއްޔާގެ ނަންބަރު 7349392، 7349393، 7349394 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެދިފައެވެ. މަމްސް އެއިޑުން މިއަހަރުވެސް ވަނީ، ހާލުގައި ދިރިއުޅުނު އެކަނިވެރި މަންމައަކާއި ތިންކުދީންނަށް އެންމެ ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފައެވެ. https://sun.mv/219004 މަމްސް އެއިޑުގެ ހިޔާވަހި ޕްރޮޖެކްޓަކީ ކޮންމެ އަހަރަކު ވެސް ކެއާ ލިސްޓުގައި ހިމަނާފައިވާ ނިކަމެތި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި، އެ ޕްރޮޖެކްޓުގެ ދަށުންރާއްޖޭގެ އެކި ކަންކޮޅުތަކުން 27 ގެއެއް ރެނޮވޭޓްކޮށް ހަތް ގެއެއް އިމާރާތްކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ