ހެކްކޮށްގެން 2 ލައްކަ ރުފިޔާ ނެގުން: ހައްޔަރުކުރި އެކަކު އިއުތިރާފުވެ، ފައިސާ ދައްކަން ބޭނުންވާ ކަމަށް ބުނެފި
މީހެއްގެ މީސްމީޑިއާ އެކައުންޓުތައް ހެކުކޮށް، އެ މީހާގެ އެކައުންޓުތަކުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކު، ކުށަށް އިއުތިރާފުވެއްޖެއެވެ. އެ މައްސަލައަކީ، މީހެއްގެ މީސްމީޑިއާ އެކައުންޓުތައް ހެކުކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،000 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި އެއް ފަހަރާ 10 މީހުން ހައްޔަރުކޮށް، އޭގެ އިތުރަށް ވެސް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވެއެވެ. އެއީ: ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޒް (39އ) މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ) ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ) ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އެ ހަތަރު މީހުންގެ ބަންދަށް ވެސް އިތުރު 15 ދުވަސް ވަނީ ޖަހައިފައެވެ. އޭގެ ތެރެއިން ނާފިޒް ވަނީ އެ މައްސަލައިގައި ބުނާ ފައިސާ ނަގައިފައިވާނެ ކަމަށާއި އެ ފައިސާ ދެއްކުމަށް ބޭނުންވާ ކަމަށް ބުނެ އިއުތިރާފުވެފައި ކަމަށް ކޯޓު އަމުރުގައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ފުލުހުން، ބޭންކަށް ފޮނުވި މެއިލްއަކާއި އޭގެ ޖަވާބާއި، ސީސީޓީވީ ފުޓެޖް ސްނެޕްޝޮޓް ރިޕޯޓް ހިމެނޭ ކަމަށް އަމުރުގައިވެއެވެ. https://sun.mv/217160 އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަ މީހަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ ކަމަށާއި، އެ ތަނުން އެކަކު ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް، އެ ފައިސާއަށް މުދާ ގަނެފައިވާ ކަމަށެވެ. އަދި، އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް އޭޓީއެމުން ފައިސާ ނެގުމަށް ފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ