އާސެނަލް ބަލިކޮށްލައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި

ބުޑަޕެސްޓް, ހަންގޭރީ (މެއި 31) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށްލައި، ޕީއެސްޖީން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަނީ ދިފާއުކޮށްފައި.
އާސެނަލުން މުބާރާތުގެ ފައިނަލަށް ދެ ފަހަރު ދިޔައިރު، ދެ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. މީގެ 20 އަހަރު ކުރިން، 2006 ވަނަ އަހަރުގެ ފައިނަލުގައި ވެސް އާސެނަލުން ފުރަތަމަ ލީޑުނެގި ނަމަވެސް ބާސެލޯނާ އަތުން 2-1 އިން ބަލިވީ އެވެ. މިރޭ، ޕީއެސްޖީ ކައިރީގައި ވެސް ލީޑުނެގިއިރު، މެޗު އެއްވަރުވެ، ޕެނަލްޓީގައި ވަނީ ބަލިވެފަ އެވެ. ޕީއެސްޖީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި 5-0 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. 
ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޕީއެސްޖީގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްޒް އެވެ. މިއީ، ހަވާޓްޒްގެ ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި ދެ ވަނަ ގޯލެވެ. މީގެ ފަސް އަހަރު ކުރިން ޗެލްސީން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލަނޑު ޖެހީ ހަވާޓްޒް އެވެ. 
ލީޑު ލިބުމާ އެކު، އާސެނަލުން ފަހަތަށް ޖެހިގެން ރަނގަޅަށް ޑިފެންސް ކުރަމުންދިޔަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ޓެސްޓްކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ބޯޅަ ހިފައިގެން ގޮސް އާސެނަލަށް ނުރައްކާ ކުރަން ފެށި އެވެ. 
ޕީއެސްޖީން އެއްވަރުކުރީ 65 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އޮސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ އާސެނަލްގެ ޑިފެންޑަރު، ކްރިސްޓިއަން މޮސްކޭރާ، އެ ޓީމުގެ އޭރިއާތެރެއިން ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ އަށް ކުރި ފައުލަކަށެވެ. ފައުލު ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ. 
އިތުރު ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ