ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ އާސެނަލް ބަލިކޮށް، ފްރާންސްގެ ޕީއެސްޖީން ތަށި ދިފާއުކޮށްފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓް އެރީނާގައި މިރޭ ކުޅުނު މެޗަށް ނުކުތް އިރު، ޕީއެސްޖީއަށް އޮތީ ތަށި ދިފާއުކުރުމުގެ މަސައްކަތެވެ. އަދި އާސެނަލަށް އޮތީ 22 އަހަރަށްފަހު ހޯދި އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓާއެކު، ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދުމެވެ.
އާސެނަލުން މިރޭގެ މެޗަށް ނުކުތީ ޗެމްޕިއަންސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. މިރޭގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްއާ ހިސާބަށް ދިޔަ އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއެވެ.
އެ ގޯލާއެކު އާސެނަލުގެ މުޅި ޓީމު ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅުމަށް މަސައްކަތްކުރި ތަނެވެ. އަދި ޕީއެސްޖީން ކުރިއަށް ޖެހިގެން ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރިއެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކްވިޗާ ކްވަރަޓްޝްކޭލިއާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ހަމަލާއެއް ފޮނުވާލުމުގެ ކުރިން އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް ވަނީ ދިފާއުކޮށްފައެވެ.
އާސެނަލުން ހާފު ނިމެންދެން ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅެމުން ދިއުމުން، ޕީއެސްޖީއަށް އާސެނަލުގެ ގޯލަށް ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ކުރިމަތިލާން ޖެހުނު ހަމައެކަނި ބޯޅައަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާއެވެ. އެ ހަމަލާ އަމާޒުވީ ރާޔާއާ ދިމާއަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް އާސެނަލުން ފެށީ އެޓީމުގެ ޑިފެންސިވް ކުޅުމާއެކުއެވެ. ޕީއެސްޖީން އިތުރަށް އެޓޭކު ވަރުގަދަ ކުރުމާއެކު އާސެނަލަށް ފައުލުތަކެއް ކުރަން ވެސް ޖެހުނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން، ކްވަރަޓްޝްކޭލިއާއަށް އާސެނަލްގެ ޑިފެންޑަރު ކްރިސްތިއަން މޮސްކޭރާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕީއެސްޖީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފްރާންސް ތަރި އޮސްމާން ޑެމްބެލޭއެވެ.
ޕީއެސްޖީގެ އެ ގޯލާއެކު އާސެނަލްގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެންނަން ޖެހުމާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިޑްފީލްޑަރު އަދި ކެޕްޓަން މާޓިން އޮޑެގާޑްގެ ބަދަލުގައި ސްވިޑަން ފޯވަޑް ވިކްޓާ ޔޯކަރޭސް ވަނީ ކުޅެން އަރުވައިފައެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކްވަރަޓްޝްކޭލިއާ ފޮނުވާލި ހަމަލާ ލުވިސް ކެލީ ވަނީ ބްލޮކްކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ވެސް ޕީއެސްޖީން ނުރައްކާކުރިއެވެ. ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ފޯވަޑް ބްރޭޑްލީ ބާކޯލާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން އާސެނަލްގެ ކީޕަރު ރާޔާ ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.
އޭގެ ފަސް މިނެޓު ފަހުން ޕީއެސްޖީއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޑިސައިރޭ ޑުއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޕީއެސްޖީން ވަނީ އެޓީމުގެ ނުރައްކާތެރި ދެ ފޯވަޑެއް ބަދަލުކޮށްފައެވެ. ކްވަރަޓްޝްކޭލިއާގެ ބަދަލުގައި ބާކޯލާ ނުކުތް އިރު، ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތީ ޕޯޗުގަލް ފޯވަޑް ގޮންސާލޯ ރާމޯސްއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ޕީއެސްޖީއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާކޯލާ ފޮނުވާލި ހަމަލާ ދިޔައީ އާސެނަލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފު ނިމުނު އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ޕީއެސްޖީގެ ނޫނޯ މެންޑޭޒާއެކު އާސެނަލްގެ މަޑުއެކޭ ވެއްޓުމާއެކު އާސެނަލުން ވަނީ ޕެނަލްޓީއެއް ލިބެން ޖެހޭނެ ކަމަށްބުނެ، ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. ނަމަވެސް އެއީ ޕެނަލްޓީއެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި އާސެނަލުން ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޔޫރިއަން ޓިމްބާ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ޔޯކަރޭސް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ. އިތުރު ވަގުތުގައި ނަތީޖާ ނުނެރެވުމާއެކު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލަށް ދެ ޕެނަލްޓީ ނާކާމިޔާބުވި އިރު، ޕީއެސްޖީގެ އެއް ޕެނަލްޓީ ނާކާމިޔާބުވިއެވެ. ޕީއެސްޖީގެ ނޫނޯ މެންޑޭޒްގެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ރާޔާ މަތަކުރި އިރު، އާސެނަލްގެ އެބެރެޗީ އެޒޭ އަދި ގެބްރިއެލްގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ޕީއެސްޖީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ގޮންސާލޯ ރާމޯސް، ޑުއޭ، އަޝްރަފް ހަކީމީ އަދި ބެރަލްޑޯއެވެ. އާސެނަލަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޔޯކަރޭސް، ޑެކްލެން ރައިސް އަދި ގެބްރިއެލް މާޓިނެލީ އެވެ.
ޗެމްޕިއަންސް ލީގު: އާސެނަލްގެ ހުވަފެނީ ދަތުރަށް ނިމުމެއް، ޕީއެސްޖީން ތަށި ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ