ސިނގިރޭޓު ވައްކަން: އިތުރު 3 މީހުން ހައްޔަރުކޮށްފި؛ އެޕޯލޯގެ ވެރިޔާ ޝަރީއަތް ނިމެންދެން ބަންދަށް

ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި އިތުރު ތިން މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ. އެއާ އެކު، އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައި ހުރި އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވެ އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރީ:
އަހްމަދު ޝަހީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ 
ހުސައިން ސާމިހް، 35، ޗާނދަނީގެ/ސ. ހިތަދޫ 
އަހްމަދު ފިރުސާން، 35، ހ. ރުމޭނިޔާ
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އެ ކޯޓުން ނިންމީ:
އަހްމަދު ޝަހީމާއި ހުސައިން ސާމިހް 7 ދުވަހަށް ބަންދު ކުރަން 
އަހްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރަން
މީގެ އިތުރުން، ފުލުހުން ބުނީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމަން ދެ ވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ވެސް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ - މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ:
އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި)، 65 - ކުރިން ބަންދުކުރީ 10 ދުވަހަށް؛ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ވަނީ ކޯޓުން އަމުރުކޮށްފައި
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ - އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަސް؛ މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ޖަހާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - އޭނާގެ ބަންދަށް ޖެހީ 10 ދުވަސް
ހަސަން އަބްދުއްރަހްމާން، 52 - ލިންކް/ކ. ތުލުސްދޫ - އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި
ދެ ކޮންޓެއިނަރު އުފުލި ބޯޓުގެ ކެޕްޓަން އާދަމް ވަހީދު، 54 - ކެނެރީގެ/ނ. މިލަދޫ؛ އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ދީފައި
އެނގުން މުހިންމު - ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ