ފޭދޫން ނިންމީ ހިކުމަތްތެރި ނިންމުމެއް، އުންމީދަކީ ހުޅުދުއާއި މީދޫ މިނިވަންކަމުގައި ތަރައްގީވުން: ފައްޔާޒް

އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާން ފޭދޫން ނިންމި ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ސިފަކުރައްވައިފިއެވެ. އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ކައުންސިލުން ވަކިނުވާން ފޭދޫން ނިންމިއިރު، ހުޅުދުއާއި މީދޫ ނިންމީ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލްތަކެއް ހެދުމަށެވެ. މި ނިންމުމާ ގުޅޭގޮތުން، ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، ހުޅުދުއާއި މީދޫ އަމިއްލަ މިނިވަންކަމުގައި ކުރިއަށްވުރެ ތަރައްގީވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، 'އެކްސް'ގައި މިރޭ ލިޔުއްވާފައިވެއެވެ. https://x.com/faya_i/status/1982083474032132306 މިއަދުގެ އިންތިޚާބާ ވިދިގެން، އައްޑޫގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތިކަމެއް ކަމާއި، ނަމަވެސް މި އިންތިޚާބަށްފަހު ވެސް ހުޅުދުއާއި މީދޫގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމާއި، ހުޅުދުއާއި މީދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން، އައްޑޫގެ މޭޔަރު އަލީ ނިޒާރު ދެއްވިއެވެ. https://sun.mv/213119 އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށްފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ފޭދޫން 616 މީހަކު ވޯޓުދިންއިރު، ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. ހަމަ އެހެންމެ މީދޫން 847 މީހަކު ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ. https://sun.mv/213116 މުޅި އިންތިޚާބުގައި ވޯޓުލީ ޖުމްލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު ނެގި އިންތިޚާބުގައި ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައިވެސް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ވުމާއެކު މި އިންތިޚާބަށް ލިބުނު ތަރުހީބު ކުޑައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ