ފަޔާ ޓްރަކް ލިބުމާއެކު ފުވައްމުލައް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި
އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވުމުން އިއްޔެ ޚިދުމަތް ހުއްޓުނު އެއާޕޯޓު، މިއަދު އަލުން ހުޅުވައި ދަތުރުތައް ފަށައި، އާންމު ހާލަތަށް ގެނެސްފިއެވެ. ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް ޓްރަކް ބޭނުން ނުކުރެވޭ ހާލަތަށް އައުމުން، އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިންކަަމަށްވާ މޯލްޑިވިއަންގެ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑައިލިއެވެ. ނަމަވެސް އިއްޔެ ހަވީރު ވަނީ އެއާޕޯޓަށް، އިތުރު ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ. އެއާއެކު މިހާރު އެއާޕޯޓަށް ފަޔާ ޓްރަކް ލިބި، މިއަދުން ފެށިގެން އެއާޕޯޓު ޚިދުމަތް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް "ސަން"އަށް ވަނީ އެނގިފައެވެ. އަދި އެއާޕޯޓުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް މިހާރު ރަނގަޅަށް ހިނގަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ފްލައިޓު ދަތުރުތައް މިއަދުން ފެށިގެން އޮންނާނެކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން އިއްޔެ ދަތުރުނުކުރެވުނު ފަސިންޖަރުން، އާރްޓީއެލް ފެރީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންގޮސް، ގަން އެއާޕޯޓު މެދުވެރިކޮށް ފުރުމުގެ އިންތިޒާމު ހަމަޖެއްސިކަމަށް ވަނީ އެނގިފައެވެ. އިއްޔެ 'ސަން'އާ ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެއާޕޯޓު ބަންދުކުރަން ޖެހުމުން ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ވަރަށް ގިނަ ދަތުރުވެރިންނަށް ފުވައްމުލަކަށް ނާދެވި އަދި ފުވައްމުލަކުން ނުދެވި މަޑުކުރަން ޖެހުނު ކަމަށެވެ. ޚާއްސަކޮށް ގިނަ ފަތުރުވެރިންގެ ދަތުރުތަކަށް ބުރޫ އެރުމުގެ ކަންބޮޑުވުން މޭޔަރު ފާހަގަކުރެއްވިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އެރުމުގެ ހާދިސާ ހިނގާފައި އެބަހުއްޓެވެ. "ވަރަށް މުހިންމު ކަމެއް އެއީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލައެއް ތަކުރާރުނުވާ ގޮތަށް މައްސަލަ ހައްލުކުރުން. މިރޭ 00:00 ހާއިރު ހީވަނީ ފަޔާ ޓްރަކް އަންނާނެހެން އައްޑޫއިން،" މޭޔަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ