ހަނދުމަކޮށްދިނުމެއް!: ކުޑައިރު ދަރިންނަށް ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔައިދޭއިރު ފައިދާކުރާނީ މާނަވެސް ކިޔައިދީ ދަސްކޮށްދިނީމަ!

ދަރިން އެންމެ ކުޑައިރުންސުރެ ނިންދަވާއިރު އާޔަތުލް ކުރުސި ކިޔައިދެމުއެވެ. އެކަމަށް ވަރަށް ގިނަ މައިން ސަމާލުކަންދެއެވެ. އެހެންވެ ވަރަށް ކުޑައިރު ކުދިންނަށް ހިތުދަސްވެއެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެހެނަސް އެވަރަކުން އަދި ނުފުދެއެވެ. މާނަވެސް ދަސްކޮށްދޭންވާނެއެވެ.  
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އާޔަތުލްކުރުސި ހިތުން އެނގޭނެއެވެ. ނަމަވެސް މާނަ އެނގޭނީ މަދު މީހަކަށެވެ. އާޔަތުލްކުރުސިގެ މާނަ ތިމާއަށްވެސް އެނގެންޖެހޭނެއެވެ. އަދި ދަރިންނަށް ދަސްކޮށްދޭންވެސް ޖެހޭނެއެވެ.  
آية الكرسى އަކީ ކީރިތި قرآن ގެ البقرة ސޫރަތުގެ 255 ވަނަ آية އެވެ. މިއީ ކީރިތި قرآن ގެ آية ތަކުގެ ތެރޭގައި ހިމެނޭ سَيِّدَةُ آىِ الْقُرآنِ (އެންމެ އިސް آية) ކަމަށް ބުނެވެއެވެ. އެއީ ކީރިތި قرآن ގައިވާ އެންމެ މާތް آية ކަމަށް ޙަދީޘްފުޅުގައި ވާރިދުވެގެން ވެއެވެ. މި  އާޔަތްކީރިތި ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވުނީ ރޭގަޑެއްގައެވެ. ހަމަ އެވަގުތު ޒައިދުގެފާނު ގެންނަވައި އެ އާޔަތް ލިޔުއްވުމަށް ވިދާޅުވި އެވެ.  
آية الْكُرْسي 
بسم اللهِ الرَّحْمَانِ الرَّحِيْمِ ،   
اللهُ لاَإلَهَ إلاَّ هُوَ الحَيّ الْقَيُّوْمُ
لاَتَـأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِى السَّمَاوَاتِ وَمَا فِي الْأَرْضْ مَنْ ذَاالَّذِى يَشْفَعُ عِنْدَهُ إلاَّبِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيْهِمْ وَمَا خَلْفَهُمْ وَلاَ يُحِيْطُوْنَ بِشَيْئٍ مِّنْ عِلْمِهِ إلّا بِمَاشَاءَ وَسِعَ كُرُسِيُّهُ السَّمَاوَاتِ وَلْأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَالْعَلِيُّ الْعَظِيْمٌ 
"الله އީ އެކަލާނގެ ފިޔަވައި އިލާހަކު ނުވާ ރަސްކަލާނގެ އެވެ. ދިރިދެމިވޮޑިގެންވާ دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. އަވަހާރަފުޅު އައުމެއް އަވަހާރަފުޅު ލެއްޕެވުމެއް އެކަލާނގެ އަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާއި އަދި ބިމުގައިވާހާ އެއްޗެއްގެ މިލްކުވެރިކަން ވަނީ އެކަލާނގެ އަށެވެ. އެކަލާނގެ إذن ފުޅާއި ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނެ މީހަކީ ކާކުހެއްޔެވެ. އަދި خلق ތަކުން ހެއްދެވުމުގެ ކުރިން އެބައި މީހުންނާމެދު އިސްވެގޮސްފައި ވާހައި ކަމަކާއި އެބައިމީހުންގެ ފަހުން ވާހައިކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި އެކަލާނގެ علم ފުޅުގެ ތެރެއިން އިރާދަކުރެއްވި ކަމެއް ފިޔަވައި އެއްވެސް އެއްޗެއް އެބައި މީހުންނަކަށް އެނގިގެނެއްނުވެއެވެ. އެކަލާނގެ كرسى އުޑުތަކައި ބިމުގެ އެންމެހާ ކަންކޮޅު ތަކަށް شَامل ވެގެން ތަނަވަސް ވެގެން ވެއެވެ. އެއުޑުތަކާއި ބިން، ރައްކައުތެރި ކުރައްވައި، ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ އެންމެ މަތިވެރި އެންމެމާތް ރަސްކަލާނގެއެވެ."
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ