ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތުހަމަ ވަނީ ފައިސަލް އެކަނި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު މިހާރު އިސްލާހު ހުށަހަޅާފައި އޮތްގޮތުން އެ އިނާޔަތަށް ޝަރުތު ހަމަ ވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ނައިބު ރައީސުންނަށް އިނާޔަތެއް ދިނުމުގެ އިތުރުން ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނި ކުރަން ޝާހިދުގެ އިސްލާހުގައި ހިމަނާފައިވެއެވެ. https://sun.mv/214507 ރައީސްކަން ކުރެއްވި ބޭފުޅުންނަށް ބޮޑެތި މާލީ އިނާޔަތްތަކާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭއިރު, މިހާތަނަށް ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ވެސް އަދި ދައުލަތުގެ ސެކިއުރިޓީއެއްވެސް ނުދެއެވެ. އިސްލާހު ހުށަހަޅާފައިވާ ގޮތުން, ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް އިނާޔަތް ލިބެނީ؛ ފަސް އަހަރުގެ ރިޔާސީ ދައުރެއް އެ މަޤާމުގައި ހަމަކުރެއްވުމުންނެވެ. މީގެ އިތުރުން ⁠ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެފައި ނުވާ ނަމައެވެ. https://sun.mv/184680 އެހެންކަމުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި އިނާޔަތް މި ބަދަލާ އެއްގޮތަށް މިހާރު ލިބިވަޑައިގަންނަވާނީ ފައިޞަލް ނަސީމަށް އެކަންޏެވެ. އެއީ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އެ މަނިކުފާންގެ ނައިބަކަށް ހުންނެވި, ⁠ޑރ. މުޙައްމަދު ވަޙީދެވެ. އެހެންކަމުން ނައިބު ރައީސްކަމުގައި ވަހީދު ފަސް އަހަރު ހޭދައެއް ނުކުރައްވަވައެވެ. ނަމަވެސް ރައީސްކަން ދެ އަހަރެއްހާ ދުވަހު ކުރެއްވެވުމުން ރައީސް ކަމުގެ އިނާޔަތް ވަހީދަށް ލިބިވަޑައިގަންނަވައެވެ. އާ ގާނޫނު އަސާސީއަށް ފަހު ދިވެހި ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން. ވަހީދުގެ ނައިބަކަށް ހުންނެވި, މުޙަންމަދު ވަޙީދުއްދީން ވެސް ނައިބު ރައީސްކަން ކުރެއްވީ ދެ އަހަރެއްހާ ދުވަހުއެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލް ވެސް ފަސް އަހަރު ހޭދަ ކުރައްވަން ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ. ދެން ޔާމީންގެ ނައިބަކަށް ގެންނެވި އަދީބު ވެސް ނައިބު ރައީސްކަން ކުރެއްވީ ކުރު މުއްދަތެއްގައެވެ. އޭގެ އިތުރުން އަދީބުގެ މައްޗަށް ވަނީ ޖިނާއީ ކުށްތަކެއް ވެސް ސާބިތުވެފައެވެ. ދެން ޔާމީންގެ ނައިބަކަށް ގެންނެވި ޢަބްދުﷲ ޖިހާދު ވެސް ނައިބު ރައީސްކަން ކުރެއްވީ ކުރު މުއްދަތެއްގައެވެ. ފައިސަލްއަކީ މިހާތަނަށް އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ވެރިކަންތަކުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ނައިބު ރައީސެވެ. އެހެން ރައީސުންނާއި ނައިބުންނާ ވަކި ހިސާބަކުން ގުޅުން ގޯސްވި ނަމަވެސް ފައިސަލްގެ ފަރާތްޕުޅުން އެފަދަ ކަމެއް ފާހަގައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ