މަޖިލީހުގައި އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހުކުރުން، އެހެންވަނީ ސަރުކާރު ނުހިނގާތީ: ފިއްޓޭ
ރައްޔިތުންގެ މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހުކުރުން ކަމަށާއި އެހެން ކަންތައް ދިމާވަނީ ސަރުކާރު ނުހިނގާތީ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ. މާލީ ޒިންމާގެ ޗާޓަރު ހަ މަސް ދުވަހުން އެކުލަވާލަން ޖެހޭ ގޮތަށް ފާސްކުރީ މި މަޖިލީހުންނެވެ. އެކަމަކު، އެ މުއްދަތު 24 މަސް ދުވަސް ނުވަތަ ދެ އަހަރު ދުވަހަށް އިތުރުކުރަން މިއަދު ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އަދި، އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ވެސް 24 މަސް ދުވަހުން ހަދާގޮތަށް ބަދަލުކުރަން ވަނީ ބިލުގައި ހިމަނާފައެވެ. އެ ބިލަށް ބަހުސްކުރައްވަމުން ފިއްޓޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "މެންބަރުންނަށް ރައްޔިތުންގެ މަޖިލީސް ތަމުސީލުނުކުރެވޭތީ ވާގޮތެއް މިއީ. ސަރުކާރަށް ކަންކަން ނުވީމާ ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުކުރަން ޖެހެނީ،" ސަރުކާރު ހިނގާގޮތަށް ފާޑުވިދާޅުވެ، ފިއްޓޭ ފާހަގަކުރެއްވިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި: މާލީ ޒިންމާގެ ޗާޓަރު ހެދުން ފަސްކުރަން ހުށަހެޅީ ސަރުކާރުން --- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވީ، މަޖިލީހުގައި މައިގަނޑު ގޮތެއްގައި މި ދައުރުގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކަންކަން އެކަނި ކަމަށެވެ. އެހެންވެ، ގިނަ ދުވަސްދުވަހު ޖަލްސާ 11 ޖަހަންވާއިރަށް ނިންމާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ކުރާ ކަމަކީ މި މަޖިލީހުން އަމިއްލައަށް ހަދާ ގާނޫނުތައް ޖެހިގެން އަންނަ ދުވަހު އިސްލާހުކުރުން ކަމަށް ވިދާޅުވެ، ފިއްޓޭ ނުރުހުން ފާޅުކުރެއްވިއެވެ. "މިއީ މުޅި ސަރުކާރު ހިނގާ ގޮތް އިއްޒަތްތެރި ރައީސް. މިއީ ކުޑަކުޑަ މިސާލެއް. މި ވިހިވަނަ މަޖިލީހުން ހެދި ބިލަށްވުރެ ގިނަވާނީ ނިސްބަތުން މި މަޖިލީހުން ހެދި ގާނޫނުތަކަށް ގެނައި އިސްލާހު. މި މަޖިލީހުން ގެނައި އިސްލާހު. އަމިއްލައަށް ހަދާފައި، އަނެއް ދުވަހު އިސްލާހު،" އޭނާ ވިދާޅުވިއެވެ. "ބައެއް ގާނޫނު އެބަހުރި އިސްލާހު، ގާނޫނުގައި ހުރި މާއްދާތަކަށް ވުރެ ގިނަކޮށް ހަދާފައި،" https://sun.mv/203864 ސަރުކާރު ނުހިނގާކަމަށް ވިދާޅުވެ، ފިއްޓޭ ވަނީ ހަ މަސް ދުވަހުން ހަދަންޖެހޭ މާލީ ޒިންމާގެ ޗާޓަރާއި ގަވާއިދުތައް ހަދަން ދެ އަހަރުގެ މުއްދަތެއް ދޭން ޖެހުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެއީ، ސަރުކާރުން ނުވީމާ އެ ހަޑި މަޖިލީހުން ފިލުވުން ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ފުޅިއަކަށް ގުޅިއަކަށް އަރައިގެން ތާސީރުކޮށްގެން ހަދާ އެއްޗެއް ނޫން ގާނޫނަކީ. ގާނޫނު ހަދަން މީހުން ނެތިއްޔާ ވަޒީފާއަށް މީހުން ނަގައިގެން ހަ މަސް ދުވަސް ތެރޭގައި މި ކަން އެބަޖެހޭ ވާން އިއްޒަތްތެރި ރައީސް،" ފިއްޓޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ