ބައެއް މީހުންނަށް ވިސްނެނީ ތިމާއަކީ މާދަށު ދަރަޖައިގެ މީހެއް ކަމުގައެވެ. އެއީ ތަނަވަސްކަން ނުވަތަ ޢާރާއި ބާރުލިބޭފަދަ މަޤާމެއް ނެތުމުންނެވެ. ނަމަވެސް ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙްޟަރަތުގައި އެންމެ މަތީ ދަރަޖައަށް ވާޞިލުވެވޭނެ މީހެކެވެ. މިކިޔައިދެނީ އެކަމަށް ކުރަން އޮތް ޢަމަލުގެ ވާހަކައެވެ.
އަހުރެމެން އެކި ގޮތްގޮތަށް ޙިސާބު ޖަހައި އަހަރުތައް ކަނޑައެޅިނަމަވެސް ޙަޤީޤަތަކީ އިބްރާހީމްގެފާނު ދުނިޔޭގައި އުޅުއްވެވީ ކޮން އަހަރެއްގައިކަން، އެއިގެ ފަހުން ފާއިތުވީ ކިތައް ހާސް އަހަރުކަން އެނގޭނެ ގޮތެއްވެސް ނެތްކަމެވެ.
އިބްރާހީމްގެފާނު ދުނިޔޭގައި އުޅުއްވެވި ދުވަސްވަރާއި ކީރިތި ޤުރްއާން ބާވައިލެއްވެވި ދުވަސްވަރާއި ދެމެދުގައި ފާއިތުވީ ކިތައް ހާސް އަހަރުކަން އެނގެން ނެތް ނަމަވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އިބްރާހީމްގެފާނުގެ ވާހަކަތައް ވަނީ ބަޔާންކުރައްވަވައިފައެވެ. އިބްރާހީމްގެފާނަށް ﷲ ތަޢާލާ ވަނީ "އެންމެ ގާތް މިތުރު" (ޚަލީލް)ގެ ދަރަޖަ ދެއްވަވާފައިކަންވެސް ވަނީ ބަޔާންކުރައްވަވައިފައެވެ.
ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ޖަވާބަކީ ﷲ ތަޢާލާ ކުރެއްވެވި ކޮންމެ އަމުރުފުޅަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވަޑައިގެންނެވި ކަމެވެ. ކަމެއް ޙަރާމް ކުރައްވަވައިފިނަމަ އެކަމެއް ނުކުރައްވަވާ ކަމާއި ކުރުމަށް އަމުރުފުޅުކުރެއްވެވި ކޮންމެ ކަމެއް ކުރެއްވެވި ކަމެވެ. އަދި އެކަންކަމުގައި އެންމެ މަތީ ދަރަޖައަށް އިޚްލާޞްތެރިވެވަޑައިގެންނެވިކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންކުރާ ޢަމަލުތައް އަހުރެމެންގެ ފަތުގައި ގެންދަވަނީ ލިޔުއްވަވަމުންނެވެ. ކިޔަމަންތެރިވާ މިންވަރާއި ނުކިޔަމަންތެރިވާ މީންވަރު ގެންދަވަނީ ލިޔުއްވަވަމުންނެވެ. ޤިޔާމަތް ދުވަހަކީ އަހުރެމެންގެ ޢަމަލުތަކަށް ޙައްޤު ދަރަޖަ ދެއްވަވާނެ ދުވަހެވެ. އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިވީމިނަވަރަކުން އެމީހެއްގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލާނެ މިންވަރު ކަނޑައެޅުން އޮތީ އެމީހެއްގެ އިޚްތިޔާރުގައެވެ. އެމީހަކު އެކަމަށް އެދިގެން ޢަމަލުކުރި މިންވަރެއްގެ މައްޗަށެވެ. ވީމާ ފަހުން ހިތާމަކުރަން ނުޖެހޭނެ މީހަކަށްވާށެވެ! ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ. ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
ތިބާއަކީ ދަށުދަރަޖައިގަ ހުންނަން ޖެހެންވީ މީހެއް ނޫން! ހަމައެންމެ މަތީ ދަރަޖައަށް ވާޞިލުވެވޭނެ މީހެއްކަން ޤުރްއާނުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ