ޓެކްސީ އަށް ބޮޑު އަގު ނަގާނަމަ ލައިސަންސް ބާތިލް ކުރެވޭގޮތް ހަދަނީ

ޓެކްސީ ފަދަ އާންމު ދަތުރުފަތުރުގެ ހިދުމަތްތަކުން ނެގުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ކަނޑައަޅާ އަގަށްވުރެ ބޮޑު އަގު ނަގާނަމަ ހިދުމަތުގެ ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލް ކުރުމުގެ ބާރު މިނިސްޓްރީ އަށް ލިބޭގޮތަށް ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - 'އެއްގަމު ދަތުރުފަތުރުގެ ބިލު' ގެ ނަމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އެވެ.
ތަފްސީލް - ބިލުގައި ބުނެފައިވާގޮތުން އާންމު ދަތުރުފަތުރުގެ ހިދުމަތުގެ އަގު ހުންނަންވާނީ، ގާނޫނުގެ ދަށުން ޓްރާންސްޕޯޓު މިނިސްޓްރީ އިން ކަނޑައަޅާ މިންގަޑާ އެއްގޮތަށެވެ.
އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ އަގު ކޮންޓްރޯލު ކުރުމަށް، އެ ހިދުމަތުގެ އެކި ބާވަތްތަކަށް ހާއްސަ އަގުތަކެއް ނުވަތަ އަގު ކަނޑައަޅާނެ ފޯމިއުލާއެއް މިނިސްޓްރީ އިން ކަނޑައަޅަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ.
ހިދުމަތް ދިނުމުގެ ލައިސަންސް ހިފެހެއްޓޭނެ ނުވަތަ ބާތިލް ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި އަގު ކޮންޓްރޯލު ކުރުމަށް މިނިސްޓްރީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވުން ހިމެނެ އެވެ.
ލައިސަންސް ހިފެހެއްޓޭނީ ނުވަތަ ބާތިލް ކުރެވޭނީ، ގާނޫނާ ހިލާފަށް ކުރި ކަންތައް އިސްލާހު ކުރުމަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުން ގަވައިދާ ހިލާފުވި ފަރާތަށް އެންގުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގައި އެކަން އިސްލާހުނުކުރާނަމަ ކަމަށް ބިލުގައިވެ އެވެ.
ނަމަވެސް، އަމަލުގެ ކުޑަ ބޮޑުމިނަށް ބަލާ ވަގުތުން ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލް ކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ލިބޭގޮތަށް ވަނީ ހިމަނައިފަ އެވެ.
ފާހަގަ ކުރެވޭ - ޓެކްސީތަކުން ހިދުމަތް ދިނުމަށް މިހާރު ވެސް ވަކި އަގުތަކެއް ކަނޑައަޅާފައިވެ އެވެ. އެ އަގުތައް ކުޑަވުމުގެ ޝަކުވާ އަބަދު ވެސް ޓެކްސީ ޑްރައިވަރުން ކުރެ އެވެ. އަދި ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގައިގެން ދަތުރުކޮށްދޭ ކަމުގެ ޝަކުވާ އާއި ޓެކްސީ ނުލިބުމުގެ ޝަކުވާ އަބަދުވެސް އާންމުންގެ ފަރާތުން އިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ