ދައުވާތައް އަނބުރާ ގެންދިއުމުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނުފޫޒުގައި ޖެހިފައިވާ ކަމަށާއި "މައުސޫމް" ވެގެން ދައުވާތައް އަނބުރާ ގެންދާ ނަމަ، އެ އުސޫލު އެންމެންގެ މައްޗަށް ނުހިނގަނީ ކީއްވެތޯ ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާގެ މައްޗަށް، 2019 ވަނަ އަހަރު އެމްއެމްޕީއާރްސީ މައްސަލާގައި ކުރި ދައުވާތައް މިދިޔަ އަންގާރަ ދުވަހު ވަނީ ގެންގޮސްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލުކަން ވެސް ކުރައްވާ އާޒިމާގެ ދައުވާތައް އަނބުރާ ގެންދަން ނިންމި ނިންމުމަކީ، ރައީސް މުއިއްޒުގެ ނުފޫޒުން ހިނގި ކަމެއް ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މި ތުހުމަތުތައް ކުރެއްވި އެއް ބޭފުޅަކީ، އެމްއެމްޕީއާރްސީގެ ދައުވާތަކެއް މިހާރު ވެސް ކޯޓުތަކުގައި ހިނގަމުންދާ ޔާމީންގެ އިސް ވަކީލު ޖަމީލެވެ.
މި ތުހުމަތުތަކާ ގުޅިގެން ޖަމީލަށް ރައްދުދެއްވައި އާޒިމާ ވިދާޅުވީ، އޭނާއަށް ކުރީ ގާނޫނީ ހަމައަކުން ކުރެވިގެންވާނޭ ދައުވާތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ޖަމީލު ކޯޓުތަކުގައި ވަކާލާތު ކުރައްވާއިރު، އެ މަނިކުފާނަށް އެ ހިޔާނާތުގައި އެހީތެރިވެދިންކަމުގެ ތުހުމަތު އޮތް މީހަކު މުޖުރިމަކަށް ހަދައި ވާހަކަދެއްކުމަކީ، ގާނޫނީ މައްސަލަތަކުގައި ވެސް ޖަމީލުގެ ވިސްނުން އެކި ދުވަހު އެކި ގޮތަށް ހުންނަކަން ދޭހަވާ ކަމެއް ކަމަށެވެ.
ބުނީ ކީކޭ؟ - އާޒިމާގެ މި ވާހަކަތަކަށް ރައްދުދެއްވައި ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލާގައި އާޒިމާގެ އިތުރުން އެހެން މީހުންގެ މައްޗަށް ވެސް މިދިޔަ ސަރުކާރުގައި ދައުވާ ކުރިއިރު، އެ މީހުންގެ މައްސަލަތައް އަނބުރާ ނުގެންގޮސް، އާއިލީ ވަކީލުކަން ކޮށްދެއްވާ އާޒިމާގެ މުވައްކިލު، ރައީސް މުއިއްޒުގެ ސަރުކާރުގައި އާޒިމާގެ މައްޗަށް އޮތް ދައުވާތައް އަނބުރާ ގެންދިއުމުން ސުވާލު އުފެދޭ ކަމަށެވެ.
"ވާހަކަ އޮޅުވާ ނުލައްވާ. އާޒިމާއަކީ މުޖްރިމެކޭ ނުބުނަން. މިދައްކަނީ ޕްރޮސިކިއުޓަރު މައްސަލަތައް އަނބުރާ ގެންދިއުމުގައި ނުފޫޒުގައި ޖެހިފައިވާ ވާހަކަ،" ޖަމީލު ވިދާޅުވި އެވެ.
"އާޒިމާ އަދި އެހެން މީހުންގެ ދައުވާތައް ކުރީ ސަރުކާރުން ކުރިއަށް ނުގެންދޭތޯ؟ ދައުވާތައް ނެގީ މުއިއްޒު ވެރިކަމަށް އައިސް. އާޒިމާއަކީ މުއިއްޒުގެ އާއިލީ ވަކީލު. މިދައްކަނީ މިނާޖާއިޒް ނުފޫޒުގެ ވާހަކަ، އިނގޭތޯ؟ މައްސޫމް ނަމަ ތިޔަ ބުނާ އުސޫލުން އެންމެންގެ ދައުވާތަކަށް އެއް ހަމައަކުން އަމަލު ނުކުރެވެންވީ ކީއްވެތޯ؟"
އެނގުން މުހިންމު - އެމްއެމްޕީއާރްސީ މައްސަލާގައި އާޒިމާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމީ، އެ މައްސަލަ މުރާޖައާކޮށްދިނުމަށް ޕީޖީއަށް އޭނާ ހުށަހެޅުއްވުމުންނެވެ. ދައުވާތައް އަނބުރާ ގެންދަން ނިންމާ ޕީޖީން ބުނީ، އެ މައްސަލާގައި ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ، އާޒިމާގެ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށެވެ.
ޕީޖީކަމާ އައްބާސް ޝަރީފް ހަވާލުވެވަޑައިގެން، އެކިއެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖައާކުރަން ފުރުސަތު ހުޅުވާލުމުން، ޔާމީންގެ ފަރާތްޕުޅުން ވެސް ދައުވާތައް މުރާޖައާކޮށްދިނުމަށް ހުށަހެޅުއްވި އެވެ. އެކަމަކު އެ ދައުވާތައް މިހާތަނަށް ޕީޖީން އަނބުރާ ގެންގޮސްފައެއް ނުވެ އެވެ.
މި މައްސަލާގައި މިހާރު ކޯޓުތަކުގައި އޮތީ ވެސް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް އެކަންޏެވެ. އެގޮތުން މި މައްސަލާގައި:
އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައި
ހަމަ މި މައްސަލާގައި، މި ސަރުކާރުގެ ސަންގެ ދެ ކުންފުންޏަށް ކުރި މަނީ ލޯންޑަރިންގެ ދައުވާތައް ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ ވަނީ ހުކުމްކޮށްފައި
ޖަމީލު، އާޒިމާއަށް: މައުސޫމްވެގެން ދައުވާތައް ނަގާ ނަމަ އެ އުސޫލު އެންމެންނަށް ނުހިނގަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ