ހުޅުމާލެއިން އުޅަނދު ޓޯކުރި މިންވަރު އިތުރުވެއްޖެ، ހަތަރު ދުވަހުން 77 އުޅަނދު ޓޯކުރި
ގަވައިދާ ޚިލާފަށް ހުޅުމާލޭގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރި މިންވަރު އިތުރުވެ، ހަތަރު ދުވަހުން 77 އުޅަނދު ހުޅުމާލެއިން ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް އުޅަނދު ޕާކުކޮށްފައި ހުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމުގެ ސަބަބުން މަގު ބޭނުންކުރާ އެންމެނަށް އެކި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެ މައްސަލައަށް ހައްލެއް ގެންނަން ފުލުހުން އަންނަނީ، މާލެއާއި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގަން އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ކުރާ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ. މިދިޔަ ހުކުރު ދުވަހުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ފުލުހުން ހުޅުމާލެއިން ޓޯކޮށްފައިވާ އުޅަނދުގެ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުންގެ ހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި އެކަނި 77 އުޅަނދު ހުޅުމާލެއިން ވަނީ ޓޯކޮށްފައެވެ. ފުލުހުން މަގުމަތީ ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ޓޯކުރަނީ: ހުޅުމާލެއިން އުޅަނދު ޓޯކުރާ މިންވަރު ވަނީ އިތުރުވެފައި --- ފޮޓޯ/ ފުލުހުން އޭގެތެރޭގައި، އެންމެ ގިނައީ ދެ ފުރޮޅުލީ އުޅަނދުތައް ކަމަށްވާއިރު، އެ ބާވަތުގެ 76 އުޅަނދު ހިމެނެއެވެ. އަދި، ހަތަރު ފުރޮޅުލީ އުޅަނދެއް ވަނީ، ޓޯކޮށްފައެވެ. ހިސާބުތަކުން އެނގޭ ގޮތުން، އެންމެ ގިނައިން ހުޅުމާލެއިން ޓޯކޮށްފައި ވަނީ، ގަވައިދާ ޚިލާފަށް ޕާކުކޮށްގެނެވެ. އެ ބާވަތުގެ 48 އުޅަނދެއް ޓޯކޮށްފައިވާއިރު، 17 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އަދި، ނުރައްކާތެރިކޮށް ދުއްވައިގެން އަށް އުޅަނދަކާއި އަސްލަށް ބަދަލު ގެނެސްގެން ދުއްވި ދެ އުޅަނދަކާއި ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން އުޅަނދެއްގެ އިތުރަށް ރަޖިސްޓްރީ ބަދަލުކޮށްގެން ދުއްވި އުޅަނދެއް ވަނީ ޓޯކޮށްފައެވެ. ހުޅުމާލެއިން ޓޯކުރި އުޅަނދުގެ އަދަދު އިތުރުވިއިރު، މާލެއިން އެ ހަތަރު ދުވަހު ޓޯކުރީ، 127 އުޅަނދެވެ. އެއީ، ދެ ފުރޮޅުލީ، 122 އުޅަނދަކާއި ހަތަރު ފުރޮޅުލީ ތިން އުޅަނދެވެ. ފާހަގަކުރެވޭ ގޮތުގައި، މާލެއާއި ހުޅުމާލޭގައި ދޭތެރެއަކުން އެކްސިޑެންޓުތައް ހިނގައެވެ. ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. https://sun.mv/214514 އެ ގޮތުން، އެ ފަދައިން ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެ ކަމަށް ބިލުގައި ވެއެވެ. އަދި، ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އެ ނޫން އަނިޔާއެއް ލިބިއްޖެ ނަމަ ވެސް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ