ނުރައްކާތެރިކޮށް ދުއްވާ މީހުން 5 އަހަރާއި 20 އަހަރާ ދެމެދަށް ޖަލަށްލެވޭ ގޮތް ހަދަނީ

ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކަށް އަނިޔާއެއްވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ މުޅިން އާ ބިލެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބަދަލުގައި މުޅިން އާ ބިލެއް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ ޝާމިން ހަބީބެވެ.
ތަފްސީލް - އެ ބިލުގައި އޮންނަނީ ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އޭގެ އަދަބުތަކުގެ ގޮތުގައި އޮންނަނީ:
އެ ގޮތަށް ދުއްވައިގެން މީހަކު މަރުވެއްޖެނަމަ20 އަހަރަށް ޖަލަށް ލުން
އެ ގޮތަށް ދުއްވައިގެން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
އެ ގޮތަށް ދުއްވައިގެން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
އެ ގޮތަށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވިއަސް އެކްސިޑެންޓެއް ވެއްޖެނަމަ 25،000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން
ކުށްކުރި މީހާއަށް އެއްގަމު ދުއްވުމުގެ ލައިސެންސް އޮތުމުގެ ހައްގު އަތުލެވޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ލައިސެންސެއް އޮތް ނަމަ ބާތިލްކުރާ ގޮތަށް އަދި ލައިސެންސެއް ނެތް ނަމަ ލައިސެންސަށް އެދި ހުށަހެޅުން މަނާވާ ގޮތަށެވެ. އެ ގޮތުން:
ޖަލަށް ލުމުގެ އަދަބުތަކަށް ފެތޭ ހާލަތްތަކުގައި، އެ ހައްގު ނެތް ކަމަށް ކަނޑައަޅަނީ ޖަލަށް ލުމަށް ބިލުގައި ހިމެނޭ މުއްދަތަށް؛ މިސާލަކަށް 20 އަހަރަށް ޖަލަށްލެވޭ ހާލަތުގައި 20 އަހަރަށް ލައިސެންސްގެ ހައްގު ނުލިބޭ
އެހެން ހާލަތްތަކުގައި 1 އަަހަރުގެ މުއްދަތަކަށް ލައިސެންސްގެ ހައްގު ނުލިބޭ
މީގެ އިތުރުން ލައިސެންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް އެއްގަމު އުޅަނދެއް ހަވާލުކޮށްގެން އެއިން ކަމެއް ކުރިމަތިވެގެން އުޅަނދުގެ ވެރިފަރާތަށް ވެސް އެ ވަރުގެ އަދަބުތަކެއް ދެވޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. މި ހާލަތުގައި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ވެސް ކަނޑައެޅޭ ގޮތަށް ބިލުގައި ހިމެނެ އެވެ. އެ ގޮތުން:
މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށް ލުން؛ މި ހާލަތުގައި ޖޫރިމަނާގެ އަދަބެއް ދެވޭ އިހުތިޔާރެއް ނުލިބޭ
މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ25،000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 25،000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
އަނިޔާއެއް ނުލިބުނަސް ލައިސެންސް ނެތް މީހަަކަށް އުޅަނދު ދީފިނަމަ ނުވަތަ ފަހަތު ސީޓުގައި އިންނަ މީހަކަށް ހުންގާނު ދީފިނަމަ 25،000ރ އާއި 50،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
ކުޑަކުއްޖަކާ ހަވާލުކޮށްފިނަމަ ދޭން ވާނީ ކަނޑައެޅިފައިވާ އަދަބުގެ އެންމެ ބޮޑު އަދަބު
އެނގުން މުހިންމު - މިހާރު އޮންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން ޖަލު އަދަބު ދެވޭ ގޮތަށް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށަކަށް ފެތޭނަމަ ޖިނާއީ ދައުވާކޮށްފައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ