ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މިދިޔަ ހަފްތާގައި ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ މި ބިލު އެ އިސްލާހާ އެކު ފާސްކޮށްފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވީ 75 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެ އެވެ.
ޝުޖާއު އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.
ނަމަވެސް އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވަންދެން ދެމި ތިބޭނެ އެވެ. އެހެންކަމުން، މި އިސްލާހު ފާސްކުރުމުން، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލުތަކަށް ވަނީ ވެފަ އެވެ.
ގުޅުން ހުރި - ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އަތޮޅު ކައުންސިލުތައް އުވާލާތީވެ، ލާމަރުކަޒީ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. އެ އިސްލާހުގައި އޮތީ، ގާނޫނުގައި އަތޮޅު ކައުންސިލްއަށް ހާއްސަކޮށްފައިވާ މުޅި ބާބާއި އެ އަތޮޅު ކައުންސިލްއާ ގުޅޭ އެންމެހާ މާއްދާތަކެއް ގާނޫނުން އުނިކުރުމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން، އެ އެ އިސްލާހުގައި ރަށު ކައުންސިލަރުންގެ އަދަދު ކުޑަ ކުުރުމަށް ވެސް ހިމަނާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅުން ބުނާ ގޮތުގައި މިއީ ސަރުކާރުން އަތޮޅުތަކަށް އިންތިހާބީ މަންދޫބުންގެ ބަދަލުގައި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އޮތް ކަތީބު ނިޒާމު ގެނައުމަށް ކުރާ ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ނިޒާމުގެ އިތުރަށް ބާރުވެރިކުރުމަށް ގެންނަ ބަދަލުތަކެވެ. މީގެން ފައިދާ ކުރަނީ ސީދާ ރައްޔިތު މީހާއަށް ކަމަށް ޕީއެންސީ މެންބަރުން ބުނެފައިވެ އެވެ.
އަތޮޅު ކަައުންސިލް އުވާލަން ގާނޫނުއަސާސީ އިސްލާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ