ހިޔާ އާއި ވިނަރެސް ފްލެޓަށް އާްންމުން ނެގި ލޯނުގެ އިންޓްރެސްޓު ކުޑަކުރަނީ

ހިޔާ އަދި ވިނަރެސް ފްލެޓާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އާންމުން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ކުޑަކޮށްދިނުމަށް އެ ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސްް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވާތީ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ:
ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ބީއެމްއެލް އިން 535 ލޯނު ދޫކޮށްފައިވޭ
ވިނަރެސް ފްލެޓު ގަތުމަށް 26 ލޯނު އެ ބޭންކުން ވަނީ ދޫކޮށްފައި
ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓު ރޭޓު %12 އިން %10އަށް ކުޑަކޮށްދިނުމަށް އަދި ލޯނު ދައްކަން ދަތިވެ، ނުދެއްކިފައިވާ މީހުންނަށް އެ ލޯނު އަނބުރާ ދެއްކޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ވިނަރެސް ފްލެޓު ގަތުމަށް ދޫކޮށްފާއިވާ ލޯނަށް ނަގާ އިންޓްރެސްޓު ވެސް %9 އިން %8އަށް ކުޑަކުރުމަކީ ކުރެވިދާނެ ކަމެއްކަން ބީއެމްއެލް އިން މައުލޫމާތު ދީފައިވާތީ، އެ އިންތިޒާމު އުސޫލުތަކުގެ ތެރެއިން ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަަ ކުރެވޭ - ހިޔާ ފްލެތުތައް ދޫކުރީ ފިނިޝިން މަސައްކަތް ނުނިންމާ ކަމަށްވާތީ އެ ތަނަށް ވަނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގިނަ ބަޔަކު ބޭންކުން ލޯނު ނެގި އެވެ.
މީގެ އިތުރުން، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް، އެ ތަންތަން ލިބުނު މީހުން ހަރަދުކުރި 200،000ރ. އަނބުރާދޭނެ ކަމަށް ވެވަޑައިގެންވި ވައުދު ފުއްދުމަށްޓަކައި އެ ތަންތަނުގެ ކުލިން 100،000ރ. ކެނޑޭ ގޮތަށް ކުއްޔަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ