ތަރިކައިގެ ދާއިރާ ދިރާސާކުރުމަށް 40 މާސްޓާސް ޑިގްރީ ސްކޮލާޝިޕް ހަވާލުކޮށްފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރާސާކޮށް، އިލްމީ ކުރުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ދަށުން 40 ފަރާތަކަށް މާސްޓާސް ޑިގްރީއަށް ކިޔެވުމަށް، ހިލޭ ސްކޮލަޝިޕް ހަވާލުކޮށްފިއެވެ. މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސީޓީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރީންނާއި، ކޯހަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ރިސާޗު މާސްޓާސްއެއް ލިބޭ ގޮތަށް، އެ ޔުނިވަސިޓީއާއި، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ތަރިކަ އިއާދަކުރުމުގެ ގައުމީ މަޝްރޫއުގެ ވައުދުފުޅު ހަގީގަތަކަށް ހެއްދެވުމުގެ ބައެއް ކަމަށް ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި ދިވެހި ގައުމުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ހޯދަން ޖެހޭ އިލްމީ މައުލޫމާތުތައް ހޯދުމަށްޓަކައި، ޖުމުލަ 40 ދާއިރާއަކުން އެ ކޯހުގެ ބައިވެރީން ދިރާސާތައް ކުރާނެ ކަމަށާއި، ކޯހުގެ ކިޔެވުން ފެށުމާއެކު ބައިވެރީންގެ މަސައްކަތްތައް އިޖުތިމާއީ ވިޔުގައިގެ އެކި މަންސަތަކުގައި އާންމުކުރެވެން ފަށައި، އިލްމީ އެކި މަންސަތަކުގައި ޝާއިއުކުރަން ފަށާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ތަރިކައިގެ ދާއިރާ ދިރާސާކުރުމަށް 40 މާސްޓާސް ޑިގްރީ ސްކޮލާޝިޕް ހަވާލުކޮށްފި -- ފޮޓޯ/ ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާ އެކަމާ ގުޅޭ ގޮތުން ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހި ގައުމިއްޔަތާއި، ދިވެހިވަންތަކަމާއި، ދިވެހި ތަރިކައިގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އެ ގެންނަވަނީ ރާއްޖެއަށް އަލަށް ގެނެވޭ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އިއްޒަތްތެރި ރައީސްގެ ސިޔާސަތަކީ ގައުމުވަންތަކަން ދެމެހެއްޓުމުގެ އިލްމީ ނަޒަރިއްޔާތުތަކާއި ފްރޭމްވޯކްތަކުގެ މައްޗަށް، ދިވެހީންގެ އަސްލުތައް ހޯދައި، ދިވެހީންނާއި އަމިއްލަވަންތަ އަގުތަކަށް ދިރުން ލިބޭނެހެން، ދިވެހި ގައުމާއި އެއްކޮޅަށް، ވިސްނަން ދަންނަ ޖީލުތަކެއް ބިނާކުރެއްވުން، ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ތަރިކައިގެ ދާއިރާއަށް ގެންނަ ތަރައްގީއިން އަންނާނެ އެހެން ބައެއް ބަދަލުތައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޒަމާނީ އިންޓަރެކްޓިވް އިމާސްވް ޓެކްނޮލޮޖީގެ އެހީގައި ދިވެހި ތަރިކަތަކަށް އާމްދަނީ ލިބޭނެ އާ ގޮތްތައް އުފަންވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހި ތަރިކައިގެ ދާއިރާއަކީ އަދުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް ތަޖުރިބާކުރެވޭ ގޮތަށް ތަރައްގީ ކުރެވިފައިވާ ދާއިރާއަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކުން ތަރިކައާ މެދު ދިވެހީން ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ގަބޫލުކުރުން ބަދަލުވާނެ ކަމަށާއި، ދިވެހި ގައުމާއި، ދީނާއި، އެފަދަ ބަހާތަކުގެ މައްޗަށް ވަރަށް ފުންކޮށް ވިސްނަން އެނގޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ