އާމިރު ސޮއިކުރި ސުޕަހީރޯ ފިލްމު ދޫކޮށްލައިފި
ބޮލީވުޑް އެކްޓަރު އާމިރު ޚާން ސޮއިކުރި ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ސުޕަހީރޯ ފިލްމުން އެކްޓަރު ވަކިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އާމިރު އާއި ލޮކޭޝް އެންމެ ފުރަތަމަ އެކީގައި މަސައްކަތްކޮށްފައި ވަނީ ދާދިފަހުން ރިލީޒްވި ތަމަޅަ އެކްޓަރު ރަޖިނީކާންތުގެ ފިލްމު "ކޫލީ"ގައެވެ. މި ފިލްމުގައި އާމިރު ފެނުނީ ހާއްސަ ފެނިލުމަކުން ނަމަވެސް ލޮކޭޝްއާ އެކު ބަދަހި ގުޅުމެއް އުފެދި އޭނާގެ ކުރިއަށް އޮތް ފިލްމުން ވެސް އާމިރަށް ފުރުސަތު ދިނެވެ. ލޮކޭޝްއާ އެކު ސުޕަހީރޯ ފިލްމެއްގައި މަސައްކަތް ކުރަން ނިންމިކަން އާމިރު އިއުލާނުކުރީ އެކްޓަރުގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕްރޮމޯޝަންތެރެއިންނެވެ. ފިލްމު "ކޫލީ"ގައި އާމިރު ޚާން ކުޅުނު ކެރެކްޓާގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން އާމިރު މި ފިލްމު ދޫކޮށްލީ ފިލްމުގެ ސްކްރިޕްޓް ބޭނުންވާ ދުވަހަށް ނުނިމި އޮތުމުންނެވެ. ފިލްމު އިންޑަސްޓްރީގެ 'ޕާފެކްޝަނިސްޓް'ގެ ނަމުން ގިނަ ބަޔަކު މުޚާތަބުކުރާ އެކްޓަރަކީ ހުރިހާ މަސައްކަތެއް ވެސް ހާއްސަ ފިލްމުތަކާ ގުޅުންހުރި މަސައްކަތް އެންމެ ފުރިހަމައަށް ނިންމުމަށް ވަރަށް ހާއްސަ ސަމާލުކަމެއްދޭ އެކްޓަރެކެވެ. އާމިރަށް ލޮކޭޝްގެ ފިލްމުގެ ނެރޭޝަން ވަރަށް ކަމުގޮސް ފިލްމަށް އެއްބަސްވި ނަމަވެސް އެ ފިލްމުގެ ފައިނަލް ސްކްރިޕްޓް އަދިވެސް ނުނިމޭ ކަމަށާއި ލޮކޭޝް ބޭނުންވަނީ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓަކަށް ނުގޮސް އޭގެ މަސައްކަތް ފެށުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ލޮކޭޝް ބޭނުންވަނީ ފިލްމުގެ ޝޫޓިންގްއާ އެކު ސްކްރިޕްޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެންނަމުން ފިލްމުގެ ޝޫޓިންގް ކުރިއަށްގެންދިއުމަށެވެ. އެކަމަކު އެއީ އާމިރު މަސައްކަތްކުރާ ސްޓައިލް ކަމަށް ނުވާތީ އެކަމާ މެދު އެއްބަސްވުމަކަށް ނާދެވުމުން އާމިރު ނިންމީ ފިލްމުން ވަކިވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އާމިރު ފިލްމު ދޫކޮށްލުމާ ގުޅިގެން ފިލްމުގެ ޝޫޓިންގް ފެށުމަށް ކުރަމުން އައި މަސައްކަތްތައް ވެސް ލޮކޭޝް ވަނީ ހުއްޓާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އާމިރު ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އެކްޓަރު ސޮއިކޮށްފައިވާ ބައޮޕިކް ފިލްމު "ދާދާސާހެބް ޕާލްކޭ"ގެއެވެ. މި ފިލްމަކީ އާމިރުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެނެސްދިން ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ